ޚަބަރު

ނިޔާޒު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު

މުހައްމަދު އިޝާން

ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި މަހު 31 ވަނަ ދުވަހު 19:00 ހާއިރު ކ. ތުލުސްދޫ، ބިޖިލީހިޔާ، އަލީ ޝިހާމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ކުށް ސާބިތުވި، އެރަށު ރެޑްރޯޒް މުހައްމަދު ނިޔާޒަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއިދު ކޮށްފިއެވެ.

ވަޅިއަކުން ހަމަލާދީ ޝިހާމް މަރާލި މައްސަލައިގައި ނިޔާޒު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 2014 ވަނަ އަހަރުއެވެ. ނިޔާޒުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ނުކުރިއިރު އޭނާ ވަނީ ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަން ކުރުމުގެ ހައްގު ވެސް ދޫކޮށްލައިފައެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ނިޔާޒުގެ ފަރާތުން އިސްތިއުނާފު ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ހައި ކޯޓުން އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ، މިދިޔަ އަހަރުއެވެ. އޭރު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އެ ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވެސް ހިމެނިވަޑައިގެންނެވިއެވެ.

އެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހު 13 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ނިޔާޒު ބުނެފައިވަނީ، ކްރިމިނަލް ކޯޓުން އޭނާ މަރަން ހުކުމް ކުރިތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ހައި ކޯޓުގައި ވެސް މައްސަލަ އޮންނަތާ އަހަރުތަކެއް ވާން ކައިރިވެފައިވާ ކަމަށެވެ. ނިޔާޒު ބުނެފައިވަނީ އޭނާ މިހާރު ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް ކަމަށެވެ. މަރަށް މަރު ހިފަން ބޭނުން ވާ ނަމަ އެކަންވެސް އަވަހަށް ތަންފީޒުކުރަން އެދޭ ކަމަށް ވެސް ނިޔާޒު ބުންޏެވެ.

މަރުގެ އަދަބު އެނާއަށް އިއްވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ކަމަށް ކުރިމިނަލް ކޯޓުން ބުންޏަސް، ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ވާ ކަމަކަށްވެސް ގަބޫލު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން އޭނާ އަށް އިއްވި ހުކުމް ތަންފީޒު ކޮށްދިނުމަށް ވަނީ އެދިފައެވެ.

ކުރިމިނަލް ކޯޓުން އިއްވި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނިޔާޒު ބުނެފައި ވަނީ، ދައުލަތުން ކޯޓުގައި ވިދާޅުވެފައިވާ ގޮތަށް ޝިހާމު މަރާލި ކަމަށެވެ. އެކަމަކު އެއީ މަރާލުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އަދި އެކަމަށް ޝިހާމުގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. ނިޔާޒު އިތުރަށް ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ މަރުހަލާގައި ކުށަށް އިއުތިރާފު ވެފައި ނެތް އިރު އޭރު ވާހަކަތައް ނުދައްކާ އޮތީ އޭނާއަށް ފައިސާ ދޭން ބުނެފައި އޮތުމުން ކަމަށެވެ. ފައިސާގެ ވާހަކަ ދެއްކުމުން މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ވަނީ އެ ފައިސާގެ ވާހަކަ ކުރިމިނަލް ކޯޓުގައި ނުދެއްކީ ކީއްވެތޯ އައްސަވައިފައެވެ.

ޖަވާބުގައި ނިޔާޒު ބުނެފައިވަނީ އޭރު ފައިސާގެ ވާހަކަތައް ނުދެއްކީ އޭނާ ބަންދު ކުރިޔަސް އެ ފައިސާ އޭނާގެ އާއިލާ މެންބަރުންނަށް ބޭނުން ކުރެވޭނެތީ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނެތް ކަމަށް ނިޔާޒު ބުންޏެވެ. ނިޔާޒަށް ފައިސާ ދޭން ބުނި މީހާގެ މައުލޫމާތު އޭނާ ހާމައެއް ނުކުރެއެވެ.

މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމުވެ. ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝިހާމަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ނިޔާޒު ބުންޏަސް، އިސްލާމީ ޝަރީއަތުގެ ހަމަތަކުން ބަލާއިރު ނިޔާޒު ހަމަލާދިނީ ޝިހާމު މަރާލަން ކަން އެގޭ ކަމަށެވެ. އެއީ ޝިހާމަށް ހަމަލާދީފައި ވަނީ ވަޅިއެއް ބޭނުން ކޮށްގެން ކަމަށާއި، ހަމަލާދީފައި ވަނީ މިހާކު މަރުވެދާނެ ފަދަ ގުނަވަންތަކަށް ކަމަށެވެ. މީގެ އިތުރުން ޝިހާމަށް ހަމަލާދިން ވަޅިއަކީ ނިޔާޒު އޭނާގެ ގެއިން ހޯދި ވަޅިއެއް ކަމަށާއި، ވަޅި ހޯދައިގެން ޝިހާމު ހޯދުމުގެ ގޮތުން ރަށުގެ އެކިތަންތަން ބަލަމުން ދިޔަ ކަމަށެވެ. އެހެންކަމުން މިއީ ރާވައިގެން ގަސްދުގައި މިހާކު މަރާލުމަށް ދިން ހަމަލާއެއް ކަން ސާބިތުވާކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ތަހުގީގަށާއި ކްރިމިނަލް ކޯޓުގައި އަދި ހައި ކޯޓުގައި ވެސް ނިޔާޒު އޭނާ އަށް ކުރާ ދައުވާތަކަށް އިންކާރު ނުކުރާ ކަމަށާއި، ނިޔާޒުގެ ފަރާތުން ހައި ކޯޓުގައި ބުނީ، ކްރިމިނަލް ކޯޓުގައި ޝިހާމް މަރާލި ކަމަށް އެއްބަސްވީ ގިނަ އަދަދެއްގެ ފައިސާ ދޭނެ ކަމަށް ބުނުމުން އޭނާ ޖަލުގައި އޮތަސް އާއިލާއަށް އެ ފައިސާ ބޭނުންކުރެވޭނެތީ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކީ ކުރެވޭ ދައުވާ އަށް އިންކާރުކުރުން ކަމަށް ނުބެލެވޭނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ. އަދި ކްރިމިނަލް ކޯޓުން ނިޔާޒު މަރަން ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ.