ރިޕޯޓް

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޕޮޒިޓިވް ކޭސް 100 އިން މައްޗަށް! މާކުރީން އިންޒާރު ދިން!

ރިފާ ހަލީލު

ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ އެއް ރަށަކީ ކ. އަތޮޅު ގުރައިދު އެވެ. އެރަށުގައި ތިން ދުވަސް ތެރޭގައި ޖުމުލަ 118 ކޭހެއް ފެނިފައިވާއިރު އެންމެ ގިނައީ އެރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އެ މަރުކަޒުން އެކަނިވެސް 101 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ގުރައިދޫގެ ހާލަތު "ވަން" އާ ހިއްސާކުރަމުން އެރަށު ކައުންސިލް ރައީސް މުހައްމަދު ޔާމީން އިބްރާހިމް މިއަދު ވިދާޅުވީ އެރަށަށް ބަލި ފެތުރެން ދިމާވި ސަބަބު މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ހަލުވި ކަމާއެކު މުޅި ރަށަށް ބަލި ފެތުރޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެރަށުގައި ކޮވިޑުގެ ހާލަތު އެންމެ ގޯހީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށެވެ. އެގޮތުން އެތަނުން އެކަނިވެސް ޖުމުލަ 101 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މަރުކަޒުން ޕޮޒިޓިވް ވި އެކަކަށް ފަރުކޮޅުފުށީގައި ފަރުވާ ދެމުން އަންނައިރު 11 މީހަކަށް ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހަކު ކަމަށްވެސް ވިދާޅުވި އެވެ.

"ރަށުތެރެއިން ސާމްޕަލްތަކެއް ވަނީ ނެގިފަ. ނަތީޖާ އަދި ނުލިބޭ 80 އަށްވުރެ ގިނަ ސާމްޕަލް އެބަހުރި. އެ ނަތީޖާ ލިބުނީމަ އެނގޭނީ ރަށުތެރޭގައި ބަލި އޮތް މިންވަރު. މާތް ﷲ އިރާދަކުރެއްވިއްޔާ އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސްވެފައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރަށުގެ ހާލަތު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެގޮތުން މިހާރު އެރަށަށް ޑޮކްޓަރަކާއި ނަރުހަކު ފޮނުވާފައިވާ ކަމަށާއި އަދި މިއަދު އިތުރު ޑޮކްޓަރަކާއި ނަރުހަކު ފޮނުވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއާއެކު އެރަށުގައި ހަތަރު ޑޮކްޓަރުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޖުމުލަ 18 ރަށެއް މިހާރު މޮނިޓަރިން އަށް ލާފައިވާއިރު ކޮވިޑު ކޭސްތައްވެސް ވަނީ މަޑުމަޑުން އިތުރުވާން ފަށާފަ އެވެ. އެގޮތުން މާލެއިން ޕޮޒިޓިވް ވާ މީހުންނަށްވުރެ އަތޮޅުތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.

މޮނިޓަރިން އަށް ލާ ހުރިހާ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހަށް ކާފިއު އިއުލާނު ކުރެ އެވެ.

ޔާމީން ވިދާޅުވީ ހާލަތު އިތުރަށް ގޯސްވާ ނަމަ، މިހާރު ކާފިއު އިއުލާން ކޮށްފައިވާ ގަޑިތައް ނޫން އެހެން ގަޑިތަކުގައިވެސް ކާފިއު އިއުލާން ކުރުމަށް ޓާސްކްފޯހާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތު ގޯސްވުމުގެ ކުރިން އިންޒާރުދިން

ދައުލަތުގެ ބެލުމުގެ ދަށުގައިވާ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓަމުން ގެންދާ މަރުކަޒުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ކުރިން ހިއުމަންރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އިންޒާރު ދީފަ އެވެ.

އެޗްއާރްސީއެމުން އެ މަރުކަޒަށް މި އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތް ކޮށް، މިމަހުގެ ތެރޭގައި ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑުން ދިފާއު ވުމަށް ނުވަތަ ރައްކާތެރިވުމަށް މާސްކު އެޅުން ފިޔަވައި ވަކި ހާއްސަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި އެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުން ފެށިގެން އެތަނުގައި އެއްވެސް ޑޮކްޓަރަކު ނެތެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިހާރު އެ މަރުކަޒުގައި އެއް މެޑިކަލް އޮފިސަރަކާއި، ނަރުހަކާއި ފިޒިއޮތެރަޕިސްޓަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑު ކޭސްތަކާ ގުޅިގެން އިތުރު ޑޮކްޓަރަކާއި ނަރުހަކު ވެސް މިހާރު އެ މަރުކަޒުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ކޮވިޑު ފެތުރިއްޖެ ހާލަތެއްގައި ކޮންޓެކްޓު ވާ މީހުންނާއި ޕޮޒިޓިވް ވާ މީހުން ކަރަންޓީނު ކުރުމަށް އެ މަރުކަޒުގައި ހުންނަނީ އެންމެ ދެ ކޮޓަރި އެވެ. ކޮވިޑު ނޫނަސް މި ރިޕޯޓުގައި އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ މިފަދަ ބަލި މީހުންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑު ކަން މި ރިޕޯޓުގައި ހުރި ކަންކަމަށް ބަލައިލުމުން ފާހަގަވެއެވެ.

ތަނުގެ ކެޕޭސިޓީ އަކީ 188 މީހުންގެ ޖާގަ އެވެ. އެކަމަކު މިހާރުވެސް އެތަނުގައި 198 މީހުން އެބަތިއްބެވެ. މި މަރުކަޒުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ނަފުސާނީ ބަލީގެ 161 މީހަކު ތިބި އިރު އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަށް މީހަކާއި ބަލާނެ މީހަކު ނެތް 29 މީހަކުވެސް އެބަތިއްބެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންވެސް ހިމެނެ އެވެ. ފަރުވާ އަށްފަހު އާއިލާއިން ހަވާލު ނުވެ ތިބި 24 މީހަކު އެބަތިއްބެވެ.

ގުރައިދޫ މަރުކަޒުގައި ބަލަހައްޓަމުންދިޔަ މީހަކު ކޮވިޑުގައި މީގެ ކުރިން މަރުވެފައިވާއިރު މިހާރު މި މަރުކަޒުގައި ތިބި ހައި ރިސްކު މީހުން ވަނީ ހުޅުމާލޭ ފެސިލިޓީ އަށް ބަދަލު ކޮށްފަ އެވެ. މި ވަގުތު އެއްވެސް މީހެއްގެ ހާލު ސީރިއަސް ވެފައިވާ ކަމުގެ ރިޕޯޓު އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.