ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ދައުވަތު ދެއްވާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރަޖިސްޓްރޭޝަނާ ހަވާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ ނަޝީދު ދެއްވި ދައުވަތު ގަބޫލުކޮށްފައިވާ ކަމަށާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށެވެ.
ނާޒިމު ވިދާޅުވީ ނަޝީދު، އެކަމަށް ދައުވަތުދެއްވީ މި ހަފުތާ ތެރޭގައި ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް މާދަމާގެ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ނިޒާމާ ބެހޭގޮތުން އެއްވެސް ވާހަކައެއް މިވަގުތު ދައްކަން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޕީއިން އެންމެ ފުރަތަމަ އިސްކުރާނީ ގައުމާއި ރައްޔިތުންނަށް މަންފާއަށް ހުރި ކަންކަމަށް ކަމަށެވެ. އަދި އަމިއްލަ އެދުމުގައި މަސައްކަތް ނުކުރާނެ ކަމަށާއި އެމްޑީޕީއިން ވެސް އެގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދީފިނަމަ އެޕާޓީއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ނިޒާމުގެ މަޝްވަރާއަށް ނަޝީދު، އެމްއެންޕީއަށް ދައުވަތުދެއްވާފައިވާއިރު، އެމަނިކުފާނު އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވައިފައެވެ.
ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ކަންކަން އިތުރަށް ކުރިއަށް ގެންދާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް މިފަހުން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު