ޚަބަރު

މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާތީ އުތުރުތިލަފަޅު އެއްބަސްވުން އުވާލަން އިދކޮޅުން ގޮވާލައިފި

މުހައްމަދު އިޝާން

އުތުތިލަފަޅުގެ އެެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެތީ އެ އެއްބަސްވުން އުވާލަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަވާ ގޮތަށް މި ސަރުކާރުން ސޮއި ކުރަމުންދާ އެއްބަސްވުންތައް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ރައްޔިތުން އެދެމުންދާއިރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ނުދިނުމަކީ ނުހަނު ކަންބޮނޑުވާ ކަމެއް ކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔުމެއް ސްކްރީނުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެއްބަސްވުމުގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހޯދަން ޖެހޭ ކަމަށް އިދިކޮޅުން ބުންޏެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެގޮތަށް އަމަލު ނުކުރުމަކީ އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ފެއިލްވުން ކަމުގައި ދެކޭކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށެހެޅި ޕްރެޒެންޓޭޝަނުން އެނގުނު ގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕްލޮމެޓިކް އިމުއިނިޓީ ދީގެން ކުރިއަށް އޮތް 15 އަހަރަށްވުރެ ގިނަ ދުވަހު ތިބެވޭނެ ކަމަށާއި އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އެގައުމުގެ ސިފައިން ނުހިމެނެނޭ ކަމަށް ބުނެފައިވާއިރު، ހާއްސަކޮށް ދިވެހި ސިފައިންގެ މަރުކަޒެއްގައި އިންޑިއާ ސިފައިން ތިބުމަށް މަގުފަހިވާ އެއްބަސްވުން ހަދައި ރައްޔިތުން މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ސޮއިކުރުމަކީ ގާނޫނީ އަސާސީއާ ހިލާފުކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތަށް ގެއްލޭނެކަމަށް އިދިކޮޅުން ބުންޏެވެ.

ކުރިއަށް އޮތް 15 އަހަރުވަންދެން އުތުރުތިލަފަޅު ހިންގާނީ އިންޑިއާ ހައިކޮމިޝަންގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުން ކަމަށްވުމުން ދިވެހި ސިފައިންގެ ބާރު އުތުރުތިލަފަޅަށް ނުހިނގާނެކަމަށް ވެސް އިދިކޮޅުން ގަބޫލުކުރެއެވެ.

މީގެ އިތުރުން އުތުރުތިލަފަޅާ ގުޅޭ އެއްބަސްވުމުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަމުން، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެއްބަސްވުމެއް ކަމަށް ދައްކަން ދިވެހި އަސްކަރިއްޔާއިން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުން އެނގި ސާފުވަނީ އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ކަމަށް އިދިކޮޅުން ބުންޏެވެ. އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށް ވެސް އިދކޮޅުން ބުންޏެވެ.

ބަޔާނުގައި އިތުރަށް އިދިކޮޅުން ބުނީ، ދިވެހި އަސްކަރިއްޔާއަށް ވަސީލަތް ހޯދުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށާއި، މިދިޔަ ސަރުކާރުގައި އަސްކަރިއްޔާ ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންޑިޔާއެކު ހަދާފައިވާ ޑިފެންސް އެކްޝަން ޕްލޭނުގައި އުތުރުތިލަފަޅު ތަރައްގީކޮށް އެތަން އޮޕަރޭޝަނަށް ގެނައުމުގައި އަދި އޭގެ ފަހުންވެސް، އެއްވެސް ގޮތެއްގައި އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން އުތުރުތިލަފަޅުގައި ސްޓޭޝަން ކުރުމަށް އެެއްބަސްވެފައި ނުވާނެ ކަމަށެވެ. އެގޮތަށް އެއްބަސް ނުވީ އެކަމުން ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާނެތީ ކަމަށާއި އިދިކޮޅުން ބުނީ، އުތުރުތިލަފަޅު ތަރައްގީ ކުރެއްވުމަށް މިދިޔަ ސަރުކާރުން ނިންމީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

އިންޑިއާ އިން ރާއްޖޭގައި އުދުއްސާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މިދިޔަ ސަރުކާރުން އާނުކޮށް އަދި ދެ ހެލިކޮޕްޓަރާއެކު އައިސް ތިބި އިންޑިއާ ސިފައިންގެ ވިސާ އާ ނުކޮށް، ދެ ހެލިކޮޕްޓަރާއި ސިފައިން ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އެގޮތަށް ކަންތައްކުރީ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގާނޫނީއަސާސީއާ ހިލާފު ކަމަކަށްވާތީ ކަމަށެވެ. އަދި އިތުރަށް ބަޔާނުގައި ބުނެފަ ވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ، ގާނޫނީއަސާސީއާ ހިލާފު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ ބާތިލު އެއްބަސްވުމެއް ކަމަށެވެ.

ބަޔާން ނިންމާލަމުން އިދިކޮޅު ބުނީ، އުތުރުތިލަފަޅުގެ އެއްބަސްވުން އުވާލައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލާކަމަށެވެ. އަދި ގާނޫނޫއަސާސީއާ ހިލާފު އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހަށް ނާންގައި، އެތައް ދުވަހެއްވަންދެން ސިއްރު ކުރުމަށްފަހު، އެކަން ދިފާއުކުރުމަކީ ދިވެހި ގައުމަށް ހިޔާނަތްތެރިވުން ކަމަށެވެ.