ކުޅިވަރު

ސަލާހްގެ ހެޓްރިކް، ލިވަޕޫލުން ޔުނައިޓެޑް ލަދުގަންނަވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 5-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލް ހޯދި މޮޅަކީ އެ ކްލަބުގެ ތާރީހުގައިވެސް ޔުނައިޓެޑް ކައިރިން ހޯދި އެންމެ ބޮޑު މޮޅެވެ. އެ މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައެވެ. ނުވަ މެޗުން ލިވަޕޫލް ވަނީ 21 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި ޗެލްސީ އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވެ ޔުނައިޓެޑް ވަނީ ހަތްވަނައަށް ވެއްޓިފައެވެ.

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެޓީމު މިރޭ ކުރިމަތިލި ކުރިމަތިލުން ވެގެން ދިޔައީ ލިވަޕޫލަށް ހުވަފެނީ މެޗަކަށެވެ. އެޓީމުން ޔުނައިޓެޑްގެ ދަނޑުގައި އެޓީމު ކޮޅަށް ފަސް ގޯލު ޖަހައި، މުޅި ސްޓޭޑިއަމް ލަދުގަންނަވާލީ ތާރީހީ ނަތީޖާއަކާ އެކުގައެވެ. މެޗު ނުވެސް ނިމެނީސް އޯލްޑް ޓްރެފޯޑުން އެތައް ހާސް ސަޕޯޓަރުންނެއް މާޔޫސްވެ، ނުކުމެގެން ދިޔަތަން ފެނުނެވެ. ދަނޑުގައި ފޯރި ނެގީ ލިވަޕޫލްގެ ސަޕޯޓަރުންނެވެ.

ލަދުވެތި ބައްޔާއެކު މެޗު ބެލުމަށް ގޮސް ތިބި ޔުނައިޓެޑުގެ ލެޖެންޑުންނާއި ސާ އެލެކްސް ފާގަސަން ފެނުނީ މާޔޫސީ މޫނެއްގައެވެ. އަނެއްކޮޅުން ލިވަޕޫލުގެ ލެޖެންޑުން، ކެނީ ޑަލްގްލީޝްއާއެކު ދިޔައީ މަޖާ ނަގަމުންނެވެ.

މީގެ ކުރިން އެންމެފަހުން ޔުނައިޓެޑް ދަނޑުގައި ޓީމަކުން އެޓީމު ކޮޅަށް ފަސް ގޯލު ޖެހީ 2020 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ޓޮޓެންހަމްއިން ޔުނައިޓެޑް ދަނޑުގައި އެޓީމު ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ޔުނައިޓެޑް ދަނޑުގައި ފަސް ގޯލަށްވުރެ ގިނަ ގޯލު ޖެހި ޓީމުތައް މަދެވެ. 2011 ވަނަ އަހަރު ސިޓީން ޔުނައިޓެޑުގެ ދަނޑުގައި އެޓީމު 6-1 އިން ބަލިކުރިއިރު، ދެން 2000 ގެ ފަހުން އެއްވެސް ޓީމަކަށް ޔުނައިޓެޑްގެ ދަނޑުގައި ފަސް ގޯލު ޖެހިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުވެސް ވެގެން ދިޔައީ ލިވަޕޫލުގެ ޖާދުވީ ހާފަކަށެވެ. އެޓީމުން ފުލުފުލުގައި ގޯލުތައް ޖަހައި، ހާފު ނިންމާލީވެސް 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 20 މިނެޓު ތެރޭގައި ނަބީ ކެއިޓާ އާއި ޑިއެގޯ ޖޮޓާ ޖެހި ގޯލުތަކުން ލިވަޕޫލް ލީޑު ކުރިއިރު، ހާފު ނިމެން ދަނިކޮށް ސަލާހުގެ ދެ ގޯލު ފެނިގެން ދިޔައެވެ. ސަލާހު އެންމެފަހުން ލިވަޕޫލުން ކުޅުނު 10 މެޗުގައިވެސް ގޯލު ޖަހާފައިވާއިރު، މިރޭގެ ތަރިއަކީވެސް އޭނާއެވެ.

ހާފު ނިމުނުއިރު ޔުނައިޓެޑް ކޮޅަށް ލިވަޕޫލް ހަތަރު ގޯލު ޖަހައިފައި އޮތްއިރު، އެއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ޔުނައިޓެޑުން ހަތަރު ގޯލު ފަހަތުގައި އޮވެގެން ހާފު ނިންމާލި ފުރަތަމަ ފަހަރެވެ. ދެވަނަ ހާފަށް ނުކުމެވެސް ޔުނައިޓެޑަށް ކަންކަން ރަނގަޅު ކުރަން އުނދަގޫވިތަން ފެނުނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ސަލާހް އޭނާގެ ތާރީހީ ހެޓްރިކް ފުރިހަމަކުރިއެވެ. އެއީ 1936 ވަނަ އަހަރަށްފަހު ލިވަޕޫލް ކުޅުންތެރިޔަކު ޔުނައިޓެޑްގެ ދަނޑުގައި ހެދި ފުރަތަމަ ހެޓްރިކެވެ.

ޔުނައިޓެޑުން ގޯލަކަށް ކުރި މަސައްކަތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެ ގޯލު ޖަހަން މަސައްކަތް ކުރިއިރު ރޮނާލްޑޯ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ. ޔުނައިޓެޑަށް ކަންކަން ގޯހުން ގޯހަށް ދިޔައީ 60 ވަނަ މިނެޓުގައި ޕައުލް ޕޮގްބާއަށް ދެއްކި ރަތްކާޑާވެސް އެކުއެވެ. އުންމީދުތައް ގެއްލި އެހިސާބުން ޔުނައިޓެޑުން ފެނުނީ ގިނަ ފައުލްތަކަކާއި މާޔޫސްކަމެވެ.