ޚަބަރު

ޔާމީން ސަރުކާރުން ކަނޑައެޅި 6،600 ރުފިޔާއަށް ފްލެޓު ދިން ނަމަ، 9.2 ބިލިއަންގެ ގެއްލުންވާނެ: އޮޑިޓް

1

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރި 7،000 ހައުސިން ޔުނިޓުތަކަށް އެ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، މަހަކު 6،600 ރުފިޔާ ނަގާގޮތަށް ހަމަޖެއްސިނަމަ، ކޮންމެ ޔުނިޓަކުން 9.2 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓަކަށް ޖެހޭ ޖުމުލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ އޮޑިޓް ރިޕޯޓުގައި ބުނިގޮތުގައި މެއިންޓެނަސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެން ހައުސިން ޔުނިޓަކަށް މަހަކު 6،600 ރުފިޔާ ދައްކަންޖެހޭ ކަމަށް އޭރުގެ ސަރުކާރުން ކަނޑައަޅާފައި ވަނީ، އީއެމްއައި މެތަޑާ އެއްްގޮތަކަށް ނޫނެވެ. އެ މެތަޑަކީ، މިފަދަ ހައުސިން މަޝްރޫއުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑެކެވެ.

އެހެންކަމުން އެ ހިސާބުތަކަށް ބަލައި މަހަކަށް 6،600 ރުފިޔާގެ ރޭޓުން 25 އަހަރު ދުވަހުގެ މުއްދަތަށް ޔުނިޓެއް ވިއްކުމުން، ފައިނޭންސް ކޮސްޓުގެ ގޮތުގައި ޔުނިޓަކަށް ނެގޭނީ 99،647 ރުފިޔާ ކަމަށާއި އޭރުން ކޮންމެ ޔުނިޓަކަށް 1.1 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށްވެސް ބުނެފައިވެއެވެ. އީއެމްއައި މެތަޑުން ހިސާބު ކުރުމުން ޔުނިޓަކަށް އަގުގެ ގޮތުގައި 1.2 މިލިއަން ޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ އަދަދު ނަގައިގެން ފްލެޓުތައް ވިއްކައިފިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި 25 އަހަރު ދުވަހުގެ މުއްދަތަށް ބަލާނަމަ 9.2 ބިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެކަމެއް ކަން ފާހަގަކޮށް ސަމާލުވުމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ފްލެޓުތައް ދޫކުރުމަށް އެޗްޑީސީން ހަދާފައިވާ ހިސާބަށް ބަލާއިރު މެއިންޓެނަންސް ހަރަދުގެ ގޮތުގައި 1،000 ރުފިޔާއާއެކު މަހަކަށް ކަނޑައަޅާފައި ވަނީ 11،000 ރުފިޔާއެވެ. ނަމަވެސް އެ އަގަށް ބަދަލު ގެނެސް، މެއިންޓެނަންސް ފީއާއެކު ކޮންމެ މަހަކު 8،500 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، މަހަކު 5،548 ރުފިޔާގެ ރޭޓުން ފްލެޓެއް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ހިސާބަކީ ރަނގަޅު ހިސާބެއް ނޫން ކަމަށެވެ. އެ ހިސާބު ހަދާފައިވަނީ އިންޓަރެސްޓް ރޭޓް ވަަރަށް ކުޑަކޮށް އަދި ބައެއް ކަންތައްތައް ނުހިމަނައި ކަމަށްވެސް ބުނެފައިވެއެވެ.