ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވި އއ. އަތޮޅުގެ ހަ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމުން ބައެއް ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑޮޓަރުންނަށް މިހާރު ދޭ މުސާރައަކީ، އެ ފެންބަރުގެ ޑޮކްޓަރުންނަށް މިސަރަހައްދުގައި ދޭ އެންމެ ކުޑަ މުސާރަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖެ އަންނަނީ ކުޑަ އަގުގައި މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށެވެ.
ޑޮކްޓަރުންގެ މިހާރުގެ މުސާރައަކީ 3،000 ޑޮލަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޑޮކްތަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމާބެހޭ ތަފްސީލުތައްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރައްވާނެ ކަމަށެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މީގެ ކުރިންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހުސްވި އޯގަސްޓް މަހުގެ 10 ގައި ހުޅުމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ފަރާތްތައް ކަމަށެވެ. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު