ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 240 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 44 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލޭ ކޮވިޑް ފެލިސިޓީގައި ފަރުދާ ދެމުން އައި މި އަންހެން މީހާ މަރުވެފައި ވަނީ ރޭ މެންދަމު 03:15ގަ އެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 240 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 223 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.