ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި ތިން މީހަކު މިއަދު އެ ދައުވާތަކަށް އިންކާރުކޮށްފިއެވެ.
މީގެ ކުރިން މި މައްސަލައިގެ ބޭއްވި އަޑުއެހުމުގައި ވަނީ ދައުވާ ލިބޭ މީހުންގެ ބަންދު މުރާޖާކުރުމަށް ފަހު ވަގުތު އޮތުމުން އިބުތިދާއީ މަރުހަލާ ފަށައިފައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް މުހައްމަދު ނާޒިމު، ފަހުމީ އަލީ އަދި އިސްހާގު މައްޗަށް ކުރެވޭ ދައުވާތައް އިއްވައިފައެވެ. ދައުވާ އިއްވުމުން އަލީ ހައިޝަމް، ފަހުމީ އަލީ، އަދި މުހައްމަދު ނާޒިމް ވަނީ ދައުވާތަކަށް އިންކާރުކޮށް ދިފާއުގައި ހެކިހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައެވެ.
ދެން ތިބި މުޖާޒު އަހުމަދު، ތަހުމީން އަހުމަދު އަދި އިޝްހާގުގެ ވަކީލުން އެދުނީ ދައުލަތުން ހާމަކުރި ހެކިތަކުގެ ތެރެއިން ނުލިބި ހުރީ ވީޑިއޯ ފޫޓޭޖް ބެލުމަށްފަހު ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށެވެ. ވީޑިއޯ ފޫޓޭޖްތަކުގެ އިތުރުން 1200 ސަފުހާގެ ލިޔެކިޔުންތައް ހުރުމުން އެ ތިން މީހުންގެ ފަރާތުން އެދުނީ ކޯޓުގައި ތިބެގެން ވީޑިއޯތައް ބެލުމަށް ފަސް ދުވަހުގެ މުއްދަތެއް އަދި ލިޔެކިޔުންތައް ދިރާސާ ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
މިއަދު ވަނީ ދައުވާ ލިބޭ މީހުންގެ ބަންދު މުރާޖާ ކުރުމުގެ ބައިވެސް ކުރިއަށް ގެންގޮސްފައެވެ. ދައުލަތުން އެދުނީ ހުރިހާ މީހުންގެ ވެސް ބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ. އެއީ އެމީހުންގެ ފަރާތުން ހެއްކަށް ނުފޫޒު ފޮރުވައި، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ދައުލަތުގެ ވާހަކަތަކާ ގުޅިގެން ފަހުމީ އަލީގެ ވަކީލު ވިދާޅުވީ، އޭނާގެ މުވައްކިލު ބަންދުން ދޫކުރިޔަސް ހެއްކަށް ނުފޫޒު ނުފޯރާނެ ކަމަށެވެ. އެއީ ހެކީގެ ގޮތުގައި ތިބީ އިންޓެލިޖެންސް ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓާއި ސިއްރު ހެކިން ކަމަށްވުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތް ކަމަށެވެ.
މުވައްކިލުގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަން ފާހަގަ ކުރައްވަައި އޭނާ ވިދާޅުވީ، އޭނާގެ މުވައްކިލަކީ އެމްޑީޕީ ސަޕޯޓަރެއް ކަމަށާއި ރައީސް ނަޝީދުގެ މަންމަ ވެސް މުވައްކިލު ދަންނަ ކަމަށެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހެއްކަމަށް ނަޝީދުގެ މަންމަވެސް ގަބޫލު ނުކުރާ ކަމަށް ބަޔާނުގައި އެބައޮތް ކަމަށް ވިދާޅުވިއެވެ.
ހައްޔަރުކުރުމާ ހަމައަށް ފަހުމީ އަލީ ހުންނެވީ އެމްޕީއެލްގެ ވަޒީފާގައި ކަމަށާއި އޭނާ ހައްޔަރުކުރީ ބޮން ހަރުކޮށްފައިވާ ސައިކަލުގައި އިށީނދެފައި ހުރުމުން ކަމަށް ވަކީލު ވިދާޅުވިއެވެ.
މުހައްމަދު ނާޒިމުގެ ވަކީލު ވިދާޅުވީ ހުށަހެޅިފައިވާ ލިޔެކިޔުންތައް ބަލާލުމުން ނާޒިމު ބަންދުގައި ބަހައްޓަން ޖެހޭކަން އެގޭ ކަމަށެވެ. އެހެންކަމުން މުހައްމަދު ނާޒިމުގެ ފަރާތުން އެދެނީ އޭނާގެ ވަކީލުން މާފުއްޓަށް ކުރާ ލޯންޗު ދަތުރުގެ ހަރަދު ދައުލަތުން ބަލަހައްޓައި ދިނުން ކަމަށާއި އެގޮތަށް އެދުނީ މުހައްމަދު ނާޒިމުގެ އާއިލާއަކީ ތަނަވަސް އާއިލާއަކަށް ނުވުމުން ވަކީލުން ކުރާ ކޮންމެ ދަތުރަކަށް ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން އެ އާއިލާގައި ނެތުމުން ކަމަށެވެ.
އަލީ ހައިޝަމްގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރުވެފައި ނުވިޔަސް މައްސަލަ ބައްލަވާ ގާޒީން ނިންމެވީ ބަންދާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. ތަހުމީން އަހުމަދު، މުޖާޒު އަހުމަދުގެ ވަކީލުން އެދުނީ މުވައްކިލުން ބަންދުން ދޫކޮށްލުމަށެވެ.
މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ނިންމީ ދައުވާ ލިބޭ އެންމެންގެ ބަންދު ދެމެހެއްޓުމަށެވެ. އެއީ އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
މި މައްސަލަ ބަލަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. އެއީ ގާޒީ އާދަމް މުހައްމަދު، ގާޒީ މުހައްމަދު މިސްބާހް އަދި ގާޒީ ސޮފްވަތު ހަބީބެވެ. ރިޔާސަތު ބަލަހައްޓަ ވަނީ ގާޒީ އާދަމް މުހައްމަދުއެވެ.
މި މައްސަލައިގައި ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ އަދުހަމް އަހުމަދު ރަޝީދު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދުހަމަކީ ނަޝީދަށް އަވަހާރަކޮށްލަން ބޮމް ގޮއްވާލި މީހާއެވެ. އެ ބޮމް ހަރުކޮށްފައި ވަނީ ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އަދުހަމް އޭނާގެ މައްޗަށް ކުރެވޭ ދައުވާއަށް އިއުތިރާފުވީ އަދަބަށް ލުޔެއް ލިބޭ ގޮތަށެވެ. އިއުތިރާފުގެ ދަށުން އަދުހަމް ވަނީ ބޮމުގެ ހަމަލާއާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ކިޔައިދީފައެވެ. މިހާރު އޭނައަކީ މައްސަލައިގެ ދެން ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ބޭނުންކުރާ މުހިންމު ހެކިވެރިއެކެވެ. އަދުހަމް ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ވަކީންނެވެ.
ޚަބަރު
ޚަބަރު