ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ހައުސިން ޔުނިޓު ތަކެއް ހެދުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާއެއް އުފުލާފައި އެވެ. އެއީ ހިޔާނާތުގެ 42 ދައުވާ އެވެ. ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
އައްމަޓީ ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވީ، އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޖިނާއީ އިޖުރާތާއި ޝަރީއަތް ކުރުމުގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އަދި ވިދާޅުވީ ކަފާލާތުގެ ހައްގަށް އެދޭއިރު ރަނގަޅު ގާނޫނީ ބިނާއެއް ދައްކަން ޖެހޭ ކަމަށާއި އައްމަޓީގެ ފަރާތުން ރަނގަޅު ގާނޫނީ ބިނާއެއް ދެއްކިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދަށް ބަލާއިރު ވެސް ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާއިރު ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަން ޖެހޭކަން ގާނޫނީ ނައްސުތަކުން އެނގެން އޮންނަކަން ދައުލަތުން ފާހަގަކުރެއްވި އެވެ.
އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި އެވެ. އެހެންކަމުން އެއީ ޖިނާއީ ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވައި ދައުލަތުން ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށާއި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
ދައުލަތުގެ ވާހަކަ ނިމުމުން އައްމަޓީގެ ފަރާތުން ޖާމިނު ވުމަށް ހުށައަޅާފައިވަ އަފީފާ މޫސާ އާއި މަރިޔަމް ނައީމާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަފީފާ މޫސާ އަކީ، އައްމަޓީގެ އެއްބަޑު އެއްބަފާ ކޮއްކޮ އެވެ. މަރިޔަމް ނައީމާ އަކީ އައްމަޓީގެ އެއްބަޑު އެއްބަފާ ދައްތަ އެވެ.
މަރިޔަމް ނައީމާ ކޯޓުގައި ބުނީ، އައްމަޓީ މީގެ ކުރިން ތަހުގީގަށް ފިލައިގެން އުޅުނުކަން ނޭނގޭ ކަމަށެވެ. އެގޮތަށް އޭނާ ބުނުމުން ދައުލަތުން ވަނީ ނައީމާއާ ސުވާލުކޮށްފަ އެވެ. އެގޮތުން އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާ މެދު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދައުލަތުގެ އެ ސުވާލާ ގުޅިގެން ވިދާޅުވީ، ޖާމިނު ވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށެވެ. މީގެ އިތުރުން ގާޒީ ހަސަން ސައީދު ވިދާޅުވީ، ޖާމިނު ވުމުގެ އިގުރާރާ ހިލާފު ވެއްޖެނަމަ ޖާމިނުވާ ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
އައްމަޓީގެ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ގާޒީ ހަސަން ސައީދު ނިންމެވީ ޝަރުތުތަކަކާއެކު އެވެ. އެގޮތުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމާއި، ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރު ވެ ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު