ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި ފޯރިގަދަ މެޗު، ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން އަށް ދެއްކި ރަތް ކާޑާއެކު، މެޗުގެ ބޮޑުއެއްގައި އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ރަތް ކާޑުގެ ކުރިން ގްރީޒްމަން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މެޗުން މޮޅުވެ ލިވަޕޫލް ގްރޫޕް ބީގެ އެއްވަނައިގައެވެ. މިހާތަނަށް ލިވަޕޫލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕް ބީގައި ރޭ ޕޯޓޯއިން ކުޅުނު މެޗުގައި އޭސީ މިލާން ބަލިކޮށްފައިވާއިރު، ޕޯޓޯ ތިންވަނައިގައި އޮތީވެސް ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ އެޓޭކިން ކުޅުމެކެވެ. ދެޓީމުގެ ފަހަތުންވެސް މިސްޓޭކްތައް ފާހަގަވެގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލެއް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ހާފު 2-2 އިން ނިމިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ގޯލު ފެނުނީ ފޯމުގައި ހުރި މުހައްމަދު ސަލާހުގެ ފަރާތުންނެވެ. އޭގެ އިރުކޮޅެއް ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ނަބީ ކެއިޓާ ޖެހި ގޯލާއެކު ލިވަޕޫލުން ލީޑު ފުޅާވެސް ކުރިއެވެ.

އެ ދެ ގޯލާއެކު ލިވަޕޫލުން ހަމަޖެހިލި ނަމަވެސް ހާފް ނިމުނީ ގްރީޒްމަން ފުލުފުލުގައި ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަ ކޮށް އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން އިރުކޮޅެއްގެ ތެރޭގައި ދެން ފެނުނީ ގްރީޒްމަންއަށް ސީދާ ރަތްކާޑެއް ދެއްކި ތަނެވެ. ގްރީޒްމަން އަށް ދެއްކި ރަތްކާޑަކީ ލިވަޕޫލްގެ ރޮބާޓް ފިރްމީނޯގެ މޫނު މަތީގައި ބޫޓުން ޖެހުމުން ދެއްކި ރަތް ކާޑެކެވެ.

މެޗުން ލިވަޕޫލް މޮޅުވި ގޯލު ޖަހައިދިނީވެސް ސަލާހެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ސަލާހް ޖަހައިދިން ގޯލަކަށެވެ. ޔާގަން ކްލޮޕުގެ ލިވަޕޫލުން އެންމެފަހުން ކުޅުނު 21 މެޗުންވެސް ބަލިވެފައި ނުވާއިރު، އެޓީމުން ވަނީ އެންމެފަހުން ކުޅުނު ނުވަ މެޗުގައި 30 ގޯލު ޖަހައިފައެވެ.