ޚަބަރު

ކޮވިޑާ ގުޅިގެން ސިއްހީ ކަންކަމަށް ކުރި ހަރަދު 2.1 ބިލިއަން ރުފިޔާއަށް، 25 މިލިއަން ރުފިޔާގެ އިތުރުވުމެއް

ކޮވިޑް-19އާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ކުރި ހަރަދު 2.14 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ކޮންމެ ހަފުތާއަކު ކޮވިޑުގެ ކަންކަމަށް ކުރާ ހަރަދުގެ ތަފުސީލުގައި ބުނެފައިވާ ގޮތުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ކުރި ހަރަދު ވަނީ، އޭގެ ކުރީ ހަފުތާއަށްވުރެ 25.5 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޕަސެންޓޭޖުން ބަލައިފި ނަމަ އެއީ 1.2 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެއީ 22.9 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ބޮޑު ހަރަދެއް ކޮށްފައި ވަނީ ސަޕްލައި ގަތުމަށެވެ.

ދެން އެންމެ ބޮޑު ހަރަދެއް ކުރީ އައިޖީއެމްއެޗުންނެވެ. އެއީ 1.9 މިލިއަން ރުފިޔާއެވެ. އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފަސް ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ތަފުސީލުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގެ ނިޔަލަށް 546.4 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ހަދާފައިވެ އެވެ. އޭގެ ތެރެއިން 160.2 މިލިއަން ރުފިޔާ އަދި ދޫކޮށްފައެއް ނުވެއެވެ.