ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިތުރު ބިލުތައް ދެން ލިބޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި މިހާރު މިހިނގާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް 32 ބިލެއް ހުށަހެޅުމަށް އެބަ އޮތް ކަމަށެވެ. ނަމަވެސް މިދައުރަށް ހުށަހަޅާފައި ވަނީ އެންމެ ހަތަރު ބިލް ކަމަށެވެ.
މަޖިލީހަށް ހުށަހެޅި ބިލު ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ހާއްސަކޮށް ބޮޑު ދެބިލު ކަމުގައިވާ ހެއްކާބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިތުރު ބިލުތައް ހުށަހަޅާފައި ނުވާތީ މަޖިލިސް ތަޅުމުގައި ކުރަން ޖެހޭ މަސައްކަތައް މަދުވަމުންދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ވަގުތުގެ ކުރިން ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.