ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނެވެ.

ފުލުހުން ވަނީ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ އެ މައްސަލައިގައި ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހު ކަމަށާއި މާދަމާ އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.

"އިސްތިއުނާފު މުއްދަތު ހަމަވާނީ ބުދަ ދުވަހު. މާދަމާ އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނީ ހައްޔަރުގައި މިވަގުތު ތިބި އަށް މީހުންގެ ތެރެއިން ނ. ވެލިދޫ/ ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ/ ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރީ 10 ދުވަހުގެ މުއްދަތަށް ކަމަށެވެ.

ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް/ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް/ ޑީއެމް މޮބިން (24އ) ބަނދުކުރަން އަމުރު ކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަށެވެ. އަދި ގއ. ދެއްވަދޫ/ ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެ އާއި މާލެ އަދި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ.