ކުޅިވަރު

ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް، ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލަފާ ދެއްވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާފް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު މުބާރާތާ ގުޅިގެން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށާއި، މިފަހަރުގެ މުބާރާތަށް ބަލައި، ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރައީސުލްޖުމްހުރިއްޔާ ލަފާދެއްވާފައިވާ ކަމަށެވެ.

"ފުޓްބޯޅައިގެ ފޯރި އޮތްވަރު މި މުބާރާތުން ފެނިގެން ހިނގައްޖެ. މިއީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކުރިއަށް ގެންދިޔަ މުބާރާތެއް. އަސްލުގައި މިމުބާރާތް އޮތީ އަޅުގަނޑުމެން އަތުން ގެއްލިފަ. މިމުބާރާތް ނުބޭއްވޭނެ ހިސާބަށް ގޮސްފަ އޮއްވާ އަޅުގަނޑާއި ބައްސާމާ ވާހަކަދެކެވިގެން، ރައީސްގެ އެއްބާރުލުމާއެކު މުބާރާތް ކުރިއަށް މި ގެންދެވުނީ. މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެން ހީނުކުރާވަރަށް ފުޓްބޯޅައިގެ ފޯރި ގަދަވެއްޖެ. މިއާއެކީގައި ރައީސްވަނީ އަޅުގަނޑާއި ބާއްސާމަށް ލަފާދީފަ ރާއްޖޭގައި ކޮންމެ އަހަރަކުވެސް އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް. އަދި މިއަންނަ އަހަރުން ފެށިގެން މުބާރާތް ބޭއްވުމަށް އަޅުގަނޑާއި ބައްސާމްވެސް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނަން." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މުބާރާތް އަންނަ އަހަރުން ފެށިގެން ރާވަން ގަސްދުކުރާ ކަމަށް މަހުލޫފް ފާހަގަކުރައްވާފައިވާއިރު، މުބާރާތަށް ދައުވަތު ދޭނެ ޓީމުތަކުގެ އަދަދާއި މުބާރާތް ބާއްވާނެ ގޮތެއްގެ އެއްވެސް ތަފްސީލީ ވިސްނުމެއް މަހުލޫފު ހިއްސާ ކުރައްވާފައެއް ނުވެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މުޅި މުބާރާތް ރާއްޖޭގައި ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން ބަންގުލަދޭޝްއިން މުބާރާތް ދޫކޮށްލުމުންނެވެ.