މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން، މިމަހުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.

އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވި މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ އަދަދުވެސް ގިނަވެފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް 432 މީހުން އިންފްލުއެންޒާއަށް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 192 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 365 މީހުންނަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ކޮވިޑް 19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތަކެއް ކަމުން، ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ.