ކޮވިޑް ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވަ ހޯދަމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 1:31ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑުގައި އައްޑޫ ސިޓީން މަރުވި ފަސް ވަނަ މީހާއެވެ. ކޮވިޑު ޖެހިގެން އައްޑޫ ސިޓީން މިދިޔަ ހުކުރު ދުވަހުވެސް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 237 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 220 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.