ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާއަށް ދައުލަތުން އިއްވުމުން އައްމަޓީ އެހުރިހާ ދައުވާތަކަށް އިންކާރު ކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އައްމަޓީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށި އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނިކޮށް އައްމަޓީ ވަނީ ސްރިލަންކާއަށް ގޮސްފަ އެވެ. ސްރީލަންކާގައި ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ މިދިޔަ ޖޫން މަހު އެވެ.

އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވައިފަ އެވެ. އަޑުއެހުމުގައި އައްމަޓީގެ ދިފާއީ ވަކީލު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ވިދާޅުވީ، އައްމަޓީގެ މައްޗަށް ކުރާ ދައުވާތަކަށް ތަފްސީލީ ޖަވާބެއް ދިނުމަށާއި، އަދި ދިފާއުގައި ހެކިހުށަޅަން ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. އަދި އަދި ޖަވާބުދާރީވުމުގެ އަޑުއެހުން އެއް އަޑުއެހުމެއްގެ ގޮތުގައި ނިންމާލެވިދާނެ ކަމަށާއި ގިނަ ލިއެކިޔުންތަކެއް ދިރާސާކުރަން ހުރުމުން އެކަމަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ.

ދައުވާތަކަށް އައްމަޓީ އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. ހެކި ހުށަހަޅަން ވަގުތު ބޭނުންވާ ކަން ދިފާއުން ފާހަގަ ކުރުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ 13 ޑިސެމްބަރު 2021 އަށް ލިޔުމުން ހެކި ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.

ސްރީލަންކާގައި ފިލައިގެން އުޅެނިކޮށް ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުން ފުރަތަމަ ވަނީ އައްމަޓީ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުން އޭނާ ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން އަމުރުކުރީ އައްމަޓީ ބަންދުން ދޫކޮށްލަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތުމުން، އޭނާ ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ގޯސް ކަމަށެވެ. އަދި އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.