ކުޅިވަރު

ލަގްޒެމްބާގު ކޮޅަށް ރޮނާލްޑޯގެ ހެޓްރިކެއް، ފުރިހަމަ ރެކޯޑަކާއެކު ޑެންމާކު ވޯލްޑް ކަޕަށް

ރޭ ކުޅުނު ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ޕޯޗުގަލް އިން ލަކްޒެމްބާގު ބަލިކުރިއިރު، ކޮލިފިކޭޝަންގެ ފުރިހަމަ ރެކޯޑަކާއެކު ޑެންމާކު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.

ޕޯޗުގަލްއިން ރޭ އަމިއްލަ ގައުމުގައި ލަގްޒެމްބާގާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދާފައިވާއިރު، މިހާރު ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓުބޯޅަ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 10 ހެޓްރިކް ހަދާދީފައެވެ.

ރޭގެ މެޗުން ހޯދި މޮޅާއެކު ޕޯޗުގަލް މިވަގުތު އޮތީ ގްރޫޕް އޭގެ ދެވަނައިގަ އެވެ. އެ ގްރޫޕުގެ އެއްވަނައިގައި ސާބިއާ އޮތްއިރު، ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ޕޯޗުގަލްއިން ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ކޮލިފިކޭޝަންގެ ޔަގީން ފުރުސަތަކަށް ޕޯޗުގަލް އިން އެ މެޗުގައި ސާބިއާ ބަލިކުރަން ޖެހޭނެއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ ލިބުނު ޕެނަލްޓީތަކުން ޖެހި ދެ ގޯލެވެ. މިހާތަނަށް ލަގްޒެމްބާގު ކޮޅަށް ރޮނާލްޑޯ، އަށް ގޯލު ޖަހައިފައިވާއިރު، އެއީ ޕޯޗުގަލް ކެރިއަރުގައި އޭނާ އެންމެ ގިނަ ގޯލު ޖެހި ގައުމެވެ. ރޮނާލްޑޯގެ އިތުރުން ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އާއި ޖާއޯ ޕަލިންހާ އެވެ.

ޑެންމާކުން ރޭ ކުޅުނު މެޗުގައި އޮސްޓްރިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެޓީމުން ކޮލިފިކޭޝަންގެ ގްރޫޕް އެފްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފައިވާއިރު، ރޭގެ މެޗުގައި ގޯލު ޖެހީ ޔޮކިމް މައިލާއެވެ. ޔޫރޯ 2020 ގެ ސެމީ ފައިނަލަށްވެސް ޑެންމާކު ދަތުރު ކޮށްފައިވާއިރު، އެ ޖަޒުބާތީ މުބާރާތުގެ ރޫހު އަދިވެސް ޓީމުން ދަނީ ފެންނަމުންނެވެ.

ރޭގެ މެޗަށްފަހު ޑެންމާކުގެ ކެޕްޓަން ސިމޮން ކެޔާ ބުނެފައި ވަނީ ގަތަރުގައި އޮންނަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ޑެންމާކަށް ކުރިއެރުންތަކެއް ހޯދޭނެ ކަމަށާއި، ހުރިހާ ކުޅުންތެރިން ދައްކަމުން އަންނަ ހިތްވަރަކީ ޓީމުގެ ރޫހު ކަމަށެވެ.

ކޮލިފިކޭޝަންގައި ރޭ އިންގްލެންޑުން ކުޅުނު މެޗުގައި ހަންގޭރީއާ އެއްވަރުވިއިރު، ސްވިޑެންއިން ގްރީސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.