ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ކޮރަޕްޝަން އެބަ އޮތް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަށް އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށާއި ނަމަވެސް އެފައިސާއަށް ވާ ގޮތެއް ނޭނގޭ މައްސަލައަކީ އޭނާގެ ޗެއާޕާސަން ކަމުގައިވެސް އެމްޑީޕީގެ އެތެރޭގައި އޮތް މައްސަލައެއް ކަމަށެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީއަށް އެކި އިންތިހާބުތަކާ ގުޅިގެން މިލިއަނުން ފައިސާ ލިބިފައިވާ ކަމަށާއި އެފައިސާ ހުންނަނީ ރައީސް ނަޝީދުގެ ކޮންޓްރޯލްގައި ކަމަށާއި ރައީސް ނަޝީދު އެފައިސާ ވަރަށް ރަނގަޅަށް "ބޭނުންކޮށްފައިވާ" ކަމަށެވެ.

"އަޅުގަނޑު ހުރިއިރުވެސް އެކި ފަރާތްތަކުން އިންތިހާބުތަކާ ދިމާކޮށް މިލިއަނުން އެބަހުރި ފައިސާ ދީފައި. ދިނީމާ މައުސޫމް އަތްޕުޅަށް ދިނުމަށް އަންގާނެ. އެއަށް ފަހު ނަޝީދު އެ ފައިސާ ބޭނުންކުރައްވަނީ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީން ކޮންމެ އަހަރަކުވެސް އޮޑިޓް ރިޕޯޓެއް އެކުލަވާނެ ކަމަށާއި ނަމަވެސް ގައުމީ ހިންގާ ކޮމިޓީން އެ ރިޕޯޓް ފާސް ނުކުރާ ކަމަށާއި ރިޕޯޓުގައި ހިމަނަނީ ބޭނުން އަދަދުތަކެއް ކަމަށެވެ

"ފައިސާގެ ކަރަޕްޝަންގެ ވަރަށް ބޮޑު މައްސަލައެއް އެމްޑީޕީގެ އެތެރޭގައި އޮންނާނެ. އެ މައްސަލަ ރަނގަޅަށް ބަލަން އެބަ ޖެހޭ، ދައުލަތުން ލިބުނު ފައިސާއާ އެހެން ފައިސާ." މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން ދާއިރާތަކުގެ ކުރިއެރުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އެމްޑީޕީގެ ދާއިރާތައް ކުރިއަރުވާފައިވަނީ ޕާޓީއަށް އިހުލާސްތެރި މެންބަރުންގެ އަމިއްލަ މަސައްކަތުން ކަމަށެވެ.