ގުދުރަތީ ވިނަ އިންދައިގެން ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް ހެދުމުގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އާޓިފިޝަލް ދަނޑުތައް ހަދަމުން ގެންދާތީ މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް މިނިސްޓަރު މަހްލޫފަށް ފާޑު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ މެންބަރުން ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ރަށް ގިރުމުގެ މައްސަލައާ ބެހޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސަބްބޭސް އަޅުއްވައިގެން އާޓިފިޝަލް ދަނޑުތައް ސްޕޯޓްސް މިނިސްޓަރު މުޅި ރާއްޖޭގެ އެތަން މިތަނުގައި ހައްދަވަމުން ގެންދަވާ ވާހަކަ ވަރަށް ސާފުކޮށް ތަފްސީލު ކޮށް ވިދާޅުވަމުން ގެންދަވާ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިތަނުގައި އިންނައިރުގައި އަޑުއިވޭ ސްޕޯޓްސް މިނިސްޓަރު ސަބްބޭސް އަޅުއްވައިފައި އާޓިފިޝަލް ދަނޑުތައް މުޅި ރާއްޖޭގެ އެތަން މިތަނުގައި ހައްދަވަމުން ގެންދަވާ ވާހަކަ، ވަރަށް ސާފުކޮށް ތަފްސީލު ކޮށް ވިދާޅުވަމުން ގެންދަވާ،"

ގިނަ ފަހަރަށް އެފަދަ ދަނޑުތައް ހަދާފައި އޮންނަނީ ގޮނޑު ދޮށުގައި ކަމާއި، އެކަމުގެ ސަބަބުން އެތަނަށް އުދަ އަރައި ދަނޑު ހަލާކު ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަންތައް ވާއިރު، ދަނޑުގައި ވިނަކޮޅެއް އިންދަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯވެސް އެމަނިކުފާނު ސުވާލު ކުރައްވާފައިވެއެވެ.

"މިއިން ކޮންމެ އާޓިފިޝަލް ދަނޑެއް ހަދާފައި މި އޮންނަނީ ގިނަ ފަހަރަށް ގޮނޑުދޮށުގައި ދެން އެތަނަށް އުދަ އަރައި ދިޔައިމަ އެ ދަނޑު ހަލާކުވެދާނެ އަދި އެހެންނޫނަސް ވެސް އެބަފެނޭ މީގެން ދަނޑެއް ތިން އަހަރަށްވުރެން ގިނަދުވަހު ނޯންނަކަން ދެން ތަކުރާރުކޮށް ހިތަށް ވަދޭ ކީއްވެގެންބާއޭ ވިނަކޮޅެއް ނީންދަން ވެގެން އެހާބޮޑަށް އެ މަސައްކަތް ކުރަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.