ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ހަސަން ޒިޔާދުގެ ބަންދަށް މިމަހުގެ ފަސްވަނަ ދުވަހު އެންމެ ފުރަތަމަ ޖެހީ ހަތް ދުވަހެވެ. ހަތް ދުވަހުގެ މުއްދަތު ހަމަވަމުން އޭނާ އިއްޔެ ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮވެދާނެތީ އާއި މުޖުތަމައުގެ ތެރެއިން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމުގެ ބިރު އޮތުމުން ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ފުލުހުން ދެއްކި ވާހަކަތަކަށް ބަލައި ގާޒީ ހަސަން ސައީދު ނިންމެވީ ހަސަން ޒިޔާދު އިތުރު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ހަސަން ޒިޔާދު ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ، އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ. އިއްޔެ ކޯޓަށް އޭނާ ހާޒިރުކޮށް ފުލުހުން ބުނީ، އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ ބަލަމުން އަންނަ ކަމަށާއި ހަސަން ޒިޔާދުގެ އާއިލާ އިން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމު ކުރިމައްޗަށް ވާ ހެން ހަސަން ޒިޔާދު ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.