މުޙައްމަދު އަސްލަމް

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ހަވާލުކުރުން މަޑު ޖައްސާލަން އޭސީސީން ވަނީ އަންގާފައި: އަސްލަމް

އިބްރާހިމް ޒަކީ

ކުރިގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެއްޓެވި ބޯހިޔާވަހި ކުރުމުގެ ޕްރިގްރާމް، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭން ލިބިފައިވާ ތަންކޮޅު ދޫކޮށްލި ފަރާތްތަކުގެ ތެރެއިން، ހުޅުމާލޭން ބިން ހަވާލު ނުކުރެވިވާ ފަރާތްތަކަށް ބިން ހަވާލު ކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތް މަޑުޖައްސައިލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެށީފަހި މާލެ ޕްރޮގްރާމާބެހޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ތެެރެއިން މާލޭން ބިންކޮޅެއް ދޫކޮށްލީމާ މާލެ ސަރަހައްދުން ބިންކޮޅެއް، ނުވަނަ ބޯހިޔާވަހިކަމެއް ދިނުމަކީ އެމްޑީޕީން ވެފައިވާ ވައުދެއްކަން ފާހަގަ ކުރައްވައި ހަސަލް ލަތީފް ސުވާލު ކުރެއްވީ، މި ސަރުކާރުން އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވޭތޯ އާއި އެކަން ރޭވިފައި އޮތް ނަމަ އެކަން ފެށޭނެ ތާރީހަކީ ކޮބައިތޯއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން ހިންގެވި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިންކޮޅު ދޭން ނިންމައި، އެ ނުދެވި އޮތް ބަޔަކަށް އެތަންތަން ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު މީގެ ކުރިންވެސް މަޖިލީހާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މިދިޔަމަހު ޗުއްޓީއަށް ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއްކުރިން، އެ މަސައްކަތާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއްް ބަލަމުން ގެންދާތީ އެކަން ކުރުން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ކުރިއަށް ދާން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިނިސްޓަރުވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ ގޮތުން ހުރި މުއައްސަސާތަކުން ލާޒިމުކުރާ ކަންތައްތަކާ އެކުގައި ކަމަށްވާތީ އެ މަސައްކަތުގައި މިވަގުތު ހުންނެވީ އަތް ބަނދެވިފައި ކަމަށްވެސް ވިދާޅުވިއެވެ.