ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ ކުރިމައްޗަށް ނެރިގެން ރައީސް ނަޝީދު ރައީސް ކަމަށް ދެން ނުހޮވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދޭ "ހަބަރަށްފަހު" ޕްރޮގްރާމްގެ ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ މީހުންނަށް ވެސް އެކަން އެނގޭ ކަމަށެވެ. އަދި އެމްޑީީޕީގައި މެންބަރުންގެ އަދަދު މަތީގައި އޮތް ނަމަވެސް، އެ ހުރިހާ މެންބަރުންނަކީ ހަގީގީ މާނައިގައި ޕާޓީގެ މެންބަރުން ނޫން ކަމަށާއި އެހެން ކަމުން އިންތިހާބު ތަކުގައި ވޯޓުލާ އެންމެންނަކީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ނުބެލެވޭ ކަމަށް ވެސް މޫސަ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެމްޑީޕީގެ ފަލްސަފާއާ ދެކޮޅަށް ވޯޓުދޭ، އެ ފަލްސަފާއާ ދެކޮޅަށް އުޅޭ މެންބަރުން އެބަ ތިބި ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީގެ ވޯޓު ތަކާއި ގައުމީ މަޖިލީހުގެ އަދަދުތައް ހުރި ގޮތަށް ބަލާ އިރު ރައީސް ނަޝީދުގެ ފެކްޝަނެއް މިހާރު އެމްޑީޕީގައި ނުވެސް ނެތް ކަމަށެވެ.
"ރައީސް ނަޝީދުގެ ފެކްޝަނެއް ނުވެސް ނެތް ހަގީގަތަށް ބުނާ ކަމަށް ވަންޏާ. އެއީ 97 ގޮނޑި ގައުމީ މަޖިލީހުގަ މި އިންތިހާބު ކުރަނީ. އޭގެ ތެރެއިން 23 ވަރަކަށް ގޮނޑު ލިބުނީމަ އެއީ މެޖޯރިޓީއެއް ނޫނޭ ހަގީގަތުގަ. އެންމެންވެސް އެބަ ގަބޫލު ކުރޭ މި ވަގުތު، މިހާރު ރައީސް ނަޝީދު އެގެންދަވާ ސިސްޓަމް ކަމު ނުދާ ކަމަށް. އެމީހުންވެސް އެބަ ގަބޫލު ކުރޭ ކެންޑިޑޭޓެއް ގޮތުގަ ރައްޔިތުންގެ ކުރިމައްޗަށް ނެރެގެން ރައީސް ނަޝީދެއް ދެން ނުހޮވޭނެ ކަން." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެގެން ގޮސް، މަޖިލީހަށާއި ކައުންސިލަރުންނަށާއި ޕާޓީގެ އާންމު މެންބަރުން ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ. މުޅި އެތި އެއްކުރަން ހުރި މީހަކީ ޗެއާޕާސަން ކަމަށާއި އޭނަ ހުންނެވީ އެ ފަރާތަށް އަރާވަޑައިގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެމީހުންނަށް އަސްލު ފިކުރު ބޮޑު ވަނީ، އަޅުގަނޑު އެމްޑީޕީއަށް ވަދެއްޖެއްޔާ އަޅުގަނޑަށް ޔަގީން އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަރާނެ ކަން، ވަދެއްޖެއްޔާ. އަޅުގަނޑަށް މާބޮޑު ހުކުމެއް ވެސް އޮތީއެއް ނޫން. އޮތީ 50 މެންބަރުންގެ ސޮއިކޮށްގެން އަންނާށޭ. އަޅުގަނޑު މިއަދު ސޮއި ހަމަކުރަން ނުކުމެއްޖެއްޔާ 1000 މީހުންނަށްވުރެ ގިނަ މީހުންގެ ސޮޔާ އެއްކޮށް ނޫނީ ނުވެސް ވަންނާނަން. އެކަމަކު އަޅުގަނޑު މި އިންނަނީ ތަޅާފޮޅުމެއްގެ ތެރެއަށް ނުދާން ވެގެން." މޫސަ ވިދާޅުވި އެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ