ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ލިބުނު، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމަށް މަރުގެ ހުކުމް އިއްވައިފި އެވެ. އަހުސަން މަރާލުމުގައި ބައިވެރިވި މއ. ވީނަސްތަރި، ހަސަން ޝިމާޒަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
ކުރިމިނަލް ކޯޓުން 2014 ވަނަ އަހަރު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އަހުސަނަށް ހަމަލާދިން މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ލިބިފައިނުވާތީ އެވެ.
އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައި ވަނީ، އަހުސަން މަރު މަތީގައި ބުނި ބަހަކީ "ވަޅީ ޖެހީ ޝަހުމް އެންސީ ޖަރުމަނު" ކަމަށެވެ. އަހުސަން އަކީ އަދުލުވެރިކަން ގެއްލިފައި ނުވާ މީހަކަށް ވާތީ މަރު މަތީ ބުނި ބަސް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށާއި، އަހުސަނަށް ހަމަލާދިން ތަން ފެނުނު ކަމަށް އިތުރު ހެއްކަކު ބުނެފައިވާ ކަމަށެވެ. ދައުލަތުން ވިދާޅުވެފައި ވަނީ، ދެ ފިރިހެނުންގެ ހެކިބަސް ނެތަސް، އެހެން ހެކިތަކާއި ގަރީނާތަކުން ގަސްދު މަރެއް ސާބިތު ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށް ހައި ކޯޓުން ކުރިން މައްސަލަތައް ނިންމާފައި ހުރިކަން ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުން އެދުނީ ޝަހުމާއި ޝިމާޒުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ދިނުމަށެވެ.
އެ އަޑުއެހުމުގައި ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އަދި ޝިމާޒުގެ މައްޗަށް މީހަކު މަރާލުމުގައި އެހީތެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އެގޮތަށް ކަނޑައެޅީ ޑައިން ޑިކްލެރޭޝަން ގަބޫލު ކުރެވޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާތީ އާއި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމުން ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ އެވެ.
ކުށް ސާބިތު ވާ ކަމަށް ކަނޑައެޅުމަށްފަހު ދެން ވަނީ އަހުސަންގެ ވާރިސުންގެ ބަސް ހޯދައިފަ އެވެ. ހުރިހާ ވާރިސުން ވެސް ބޭނުން ވީ މަރަށް މަރު ހިފުމަށެވެ.
މިއަދު ހައި ކޯޓުގައި އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. އެ މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ޝަހުމުގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން "އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހަކު މަރާލި ކަމުގެ ކުށް ސާބިތުވާތީ" ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށާއި އަދަބު ދެވެންދެން އޭނާ ބަންދުގައި ބަހައްޓަން ހުކުމް ކުރާ ކަމަށެވެ.
އެއަށްފަހު ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ކުށެއް ނެތް މީހަކު މަރާލުމަށްފަހު، އެ ކުށް ކުރާ މީހާއަށް ދުނިޔޭގައި ހުރެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
އަހުސަން މަރާލަން ޝަހުމަށް އެހީތެރިވި ޝިމާޒަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ޝިމާޒުގެ މައްޗަށް ސާބިތު ވަނީ މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށް އެކަނި ކަމަށް ކަނޑައަޅައި ހުކުމް ކުރީ އަހުސަން މަރަން ޝަހުމާ އެކު އޭނާ އެއްބަސްވިކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވުމުންނެވެ.
ޚަބަރު
ޚަބަރު