އިންޑިއާއި ރާއްޖެ ވާދަކުރާ މެޗަށް ވިއްކަމުން ދިޔަ ހޯމް ޓީމުގެ 3000 ޓިކެޓު، ތިން ގަޑިއިރު ތެރޭ ހުސްވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ވިއްކަމުންދިޔަ ޓިކެޓު ހުސްވިއިރުވެސް އެތައް ބަޔަކު ކިޔޫގައި ޓިކެޓު ނުލިބި ތިއްބެއެވެ. ޓިކެޓު ހުސްވުމާއެކު ބައެއް ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ. މިއަދު ހެނދުނު 10:00 ގައި ޓިކެޓު ވިއްކަން ފަށާފައިވާއިރު، ރޭގެ މެންދަމުން ފެށިގެން ކިޔޫ ދަމާލައިފައިވެއެވެ. ނިދި ނަގާލައި ޓިކެޓު ގަންނަން 18 ގަޑިއިރު ބައެއް ސަޕޯޓަރުން ވަނީ ހޭދަކޮށްފައެވެ.

މިއަދުގެ ޓިކެޓު ނެގުމުގެ އިންތިޒާމުތައް ކުރިއަށްވުރެ ބޮޑަށް ރަނގަޅު ކޮށްފައިވާއިރު، ހަ ކައުންޓަރަކުން ވަނީ ޓިކެޓު ވިއްކާފައެވެ. ކުރީބައިގައި އައިޑީކާޑާއި ކޮވިޑް ވެކްސިން ކާޑު ބެލޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ޓިކެޓު ވިއްކުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

މިއަދު ޓިކެޓު ވިއްކައި ނިމުމުން މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓުގައި ފާހަގަކުރެއްވީ މިހާރު ދަނޑުގެ ކެޕޭސިޓީއަކީ 5،000 ކަމަށްވުމުން އުނދަގޫ ތަކެއް އެބަހުރި ކަމަށާއި، އެކަން ހައްލުކުރުމަށް ދަނޑު މަރާމާތުކުރަން ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެން އަންނަ މުބާރާތެއްގައި އޮންލައިން ޓިކެޓިންނަށް ވިސްނަވާނެ ކަމަށްވެސް މަހުލޫފް ފާހަގަކުރެއްވިއެވެ. އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ އޮންލައިން ޓިކެޓިންގެ ކަންކަމުގައި ވާހަކަ ދައްކަވައިފައެވެ.

ބައްސާމް ފާހަގަކުރެއްވީ ޑިޖިޓަލައިޒް ކޮށް ޓިކެޓު ވިއްކަން މުބާރާތުގެ ކުރިން ވިސްނެވި ކަމަށާއި ވަގުތު ކުޑަތަން ވުމުން އެކަން ކުރަން އެންމެ އެކަށޭނެ މާހައުލެއް ތަނަވަސްވެގެން ނުދިޔަ ކަމަށެވެ. ހާއްސަކޮށް އެކަން ކުއްލިއަކަށް ކުރަން އެންމެ ރަނގަޅު ނޫން ކަމަށް ފެނިވަޑައިގެންނެވި ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑެތި މުބާރާތްތައް ބާއްވާއިރު އެފަދަ ގޮތަކަށް ޓިކެޓު ވިއްކުމުގެ ކަންކަން ކުރަން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.