ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލައް އިސްލާމް ކުރެއްވި އަބުދުނައިބު ކަލޭގެފާނުގެ ވާހަކަ

މުނީރު ހަސަން، ޏ. ފުވައްމުލައް

ފުވައްމުލައް އިސްލާމް ކުރެއްވި ބޭފުޅަކީ އައްޑޫ އަތޮޅަށް ނިސްބަތްވާ ޢިލްމުވެރިއެއް ކަމަށްވާ އަބްދުނާއިބު ކަލޭގެފާނު ކަމުގައި ބުނެވެއެވެ. ތާރީޚުގެ ބޭނުމަށް އަބުދު ނާއިބުކަލޭގެފާނަކީ ކޮންރަށެއްގެ ކާކުތޯ ދެނެގަންނަން ޖެހެއެވެ. މި ލިޔުމުގައި އަލިއަޅުވައިލެވޭތޯ މަސައްކަތް ކޮށްފައިވާނީ ފުވައްމުލައް އިސްލާމް ކުރެއްވި އަބްދުނާއިބު ކަލޭގެފާނާ ބެހޭގޮތުންނެވެ.

އަލްމަރުޙޫމް އަލްއުސްތާޒު މުހައްމަދު ލުތުފީ ލިޔުއްވަނީ އަބްދުނައިބު ކަލޭގެފާނުގެ ބައްޕާފުޅު ޔޫސުފު ނައިބު ކަލޭގެފާނަކީ ފުވައްމުލަކު ދަރިއެއް ކަމުގައެވެ. ފުވައްމުލަކު އަސްރަފީގޭ އަލްމަރުޙޫމް އިބުރާހިމް ސަޢީދު މޫސާ ވިދާޅުވަނީ އެއީ އިންޑިޔާގެ ގުޖުރާތު ސްޓޭޓްގެ ސޫރަތުއަށް ނިސްބަތްވާ ޢާއިލާކުން ފެށުނު ފުވައްމުލަކަށް ނިސްބަތްވާ އާއިލާއެއް ކަމުގައެވެ. މީގެ އިތުރުން، އައްޑު އަތޮޅާއި ފުވައްމުލަކުގެ ތާރީޚު ވެސް ދިރާސާ ކުރައްވާ އައްޑު އަތޮޅު މީދޫ ކަޅިހާރި މުޖުތަބާ ވިދާޅުވާ ގޮތުން އަބުދު ނާއިބުކަލޭގެ ފާނަކީ ސޫރަތު ސުލައިމާނު ޤާދިރު ކަލޭގެފާނުގެ ސޫރަތު ޤާދިރު ކަލޭގެފާނުގެ ޢީސާ ޤާދިރު ކަލޭގެފާނުގެ އަލްފަޤީޙު އަލްޙާފިޒު އައްނާއިބު ޔޫސުފު ނައިބުކަލޭގެފާނުގެ ޔަހްޔާ ނައިބު ކަލޭގެފާނުގެ އަލްޙާފިޒު އައްނާއިބު އަބުﷲ އަބުދު ނައިބު ކަލޭގެފާނެވެ. ޢަބުދު ނައިބު ކަލޭގެފާނުގެ މަންމާފުޅަކީ ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނެވެ. ޔޫސުފު ނައިބު ކަލޭގެފާނު އައްޑުއަތޮޅު މީދޫ ކަޅިހާރި މީހަކާ ކާވެނި ބެއްލެވިއެވެ. އެމީހާގެ ނަމަކީ ހައްވައެވެ. މި ޙައްވަ އަކީ މީނާ އިސްލާމް ވުމުން ދެވުނު ނަމެވެ. މީދޫކަޅިހާރި ޢާއިލާ އަކީ މި ދެމަފިރިކަނބަލުންގެ އާއިލާއެވެ. ޔޫސުފް ނައިބު ކަލޭގެފާނު އައްޑު އަތޮޅަށް ބަދަލުވުމުގައި ދެ ސަބަބެއް މެދުވެރިވެދާނެއެވެ. ފުރަތަމަ ސަބަބަބީ އެ ދުވަސްވަރު ފުވައްމުލަކުގައި ބަލިމަޑުކަމެއް ފެތުރުމުން، ފުވައްމުލަކާ އެންމެ ކައިރީގައި އޮންނަ އައްޑު އަތޮޅު މީދޫއަށް އާންމުކޮށް މީހުން ދާ އުސޫލުގެ ތެރެއިން މި އާއިލާ މީދޫއަށް ދިޔުމެވެ. އަނެއް ގޮތަކީ، ދޮންބުޅަލިކަލޭގެފާނު ނިޔާވުމުން މި އާއިލާ މީދުއަށް ބަދަލުވުމެވެ.

އަލްއުސްތާޛު މުޙައްމަދު އިބުރާހިމް ލުޠުފީ ލިޔުއްވާފައިވާ ގޮތުން ޔޫސުފު ނައިބު ކަލޭގެފާނުގެ ހަތަރު ދަރިކަލުން ތިއްބެވިއެވެ. އެއީ ފިރިހެން ތިން ކުދިންނާއި އަންހެން ކުއްޖެކެވެ. އެއީ ޙަސަން ޚަތީބު ކަލޭގެފާނާއި އަބުދު ނައިބު ކަލޭގެފާނާއި އަބޫބަކުރު ނައިބު ކަލޭގެފާނައި ދޮންއައިސަ އެވެ.

ޔޫސުފު ނައިބު ކަލޭގެފާނުގެ ޢާއިލާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އޮތްއިރު ޚާއްޞަކޮށް އައްޑޫ ފުވައްމުލަކުގެ މުހިއްމު ޢާއިލާތަކެއްގެ ފެށުމަކީ ޔޫސުފު ނައިބު ކަލޭގެފާނެވެ. ޔޫސުފު ނައިބު ކަލޭގެފާނާއި އެ ޢާއިލާގެ ގިނަ ބެއިފުޅުންގެ ނަމުގައި ނައިބު ހިމަނާފައި ވަނީ ދައުލަތުން ނައިބުކަން ދެއްވައިގެންކަން ޤަބޫލު ކުރަންޖެހެވެ. ޔޫސުފު ނައިބު އަވަހާރަވެފައި ވަނީ ވެސް މީދު އަށެވެ. ވަޅުލާފައި ވަނީ މީދޫ ކޯގަންނު ޤަބުރުސްތާނު ގައެވެ.

މި ވާހަކަތަކަށް ބަލާއިރު ޔޫސުފު ނައިބަކީ އިންޑިޔާގެ ގުޖުރާތު ސްޓޭޓުގެ އައްސޭރިގައި އޮންނަ ސޫރަތުގެ ބޭކަލެއްކަމާއި އޭނާ ފުވައްމުލަކު ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނާ ކާވެނި ބައްލަވައިގެން އުފެދުނު ޢައިލާ ފުވައްމުލަކުން އައްޑުއަތޮޅަށް ހިޖުރަކޮށް މީދޫގައި ވަޒަންވެރި ވީކަން އެގެއެވެ. މީދޫ ކޯގަންނު ހުންނަ މެދު މިސްކިތުގައި ހުންނަ ޒިޔާރަތަކީ ޔޫސުފު ނައިބުގެ ޒިޔާރަތެވެ. އެހެންކަމުން، އަބުދުނައިބު ކަލޭގެފާނާއި އަބޫބަކުރު ނައިބުކަލޭގެފާނަކީ އިންޑިޔާގެ ސޫރަތު ކިޔާރަށުގެ ޔޫސުފު ނައިބު ކަލޭގެފާނާއި ހޯދަޑު ދޮންބުޅަލި ކަބުލޭގެފާނުގެ އާއިލާ ކަމަށް ބަލަން ޖެހެއެވެ.

ފުވައްމުލަކަށް އިސްލާމްދީން ފެތުރުމަށް ދީނަށް ގޮވައިލެއްވުމަށް ފުރަތަމަ ވަޑައިގަތީ ޔޫސުފު ނައިބުގެ ދަރިކަލުން އަލްޙާފިޒު އަބުދު ނައިބު ކަލޭގެފާނެވެ. އޭނާ ދުރުވެ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ކޮންމެވެސް މީހަކު ވަނީ ކޮޅު ފޭއްސާފައި އޮތް ލޮންސި ފާޑުގެ އެއްޗަކުން ހަމަލަދީ ޢަބުދު ނައިބު ޝަހީދުކޮށްފައެވެ. ޢަބުދު ނައިބު ވަޅުލާފައި ވަނީ މިހާރު ފެންނަން ހުރި ދިގުވާނޑު މިސްކިތް ހިމެނޭ ސަރަޙައްދުގައި އޮތް ޤަބުރުސްތާނުގައި ކަމަށާއި އެމަޤްބަރާ ހުރީ ދިގުވާނޑު އަލިމަނިކާގެ ހުރި ހިސާބުގައި ކަމަށާއި ފަހުން ކޮނެގެން ނަގައި ދިގުވާނޑު މިސްކިތު ޤަބުރުސްތާނުގައި ވަޅުލީ ކަމުގައި ވެސް ވާހަކަ ދެކެވެއެވެ. އަބްދުނައިބު ކަލޭގެފާނު ޝަހީދުކުޅައީ މި ހިސާބުން ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ.

އަޅުގަނޑު 1388، ގައި މަދަރުސާ އަށް ދިޔައިރު ޢަލި މަނިކާގެ ލުބޯމާގޭ ގޯތީގައި ހުންނަ ބޮޑު މޫނިމާ ގަހެއްގެ ކައިރީގައި ވަށައިގެން ގައު ޖަހާފައި އެތެރޭގައި ދޮންވެލި ބިސްތާނެއް ގޮތަށް ހަދާފައި ހުންނަ ތަނެއް ދުށް ހަނދާން ވަރަށް ރީތިކޮށް އެބަހުއްޓެވެ. އަދި އެ ތަނަކީ އަބުދު ނައިބު ކަލޭގެފާނުގެ މަހާނަ ކަމުގައި ފުވައްމުލަކު ކަޅުވަލިގޭ ޢަލީ މުޙައްމަދު (ކެއުޅުގެއަލިބެ) ވާހަކަ ދެއްކި އަޑު ވެސް އަޅުގަނޑަށް ވަނީ އިވިފައެވެ. އަދި ވަރަށް ޔަޤީންކަމާއިއެކު އޭނާ ދިގުވާނޑު މިސްކިތު ޒިޔާރަތު ގައި ޢަބުދު ނާއިބު ކަލޭގެފާނުގެ ކަށި ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ. މީނާ ނިޔާވީ 13 ޖޫން 1981 ގައި ޢުމުރުން 110 އަހަރު ގައި ކަމަށް އޭނާގެ ފިރިހެން ދަރިފުޅު ބާށާނޑު އަޙްމަދު ރުޝްދީ މަޢުލޫމާތު ދެއެވެ. ނަމަވެސް މަޝްހޫރު ގޮތަކީ ދިގުވާނޑު މިސްކިތުގައި ހުރި ޒިޔާރަތަކީ އަބުދު ނައިބުގެ ޒިޔާރަތް ކަމުގައި ދެކެވޭ ވާހަކައެވެ.

04 ސެޕްޓެންބަރ 1997 ގައި ދިގުވާނޑު މިސްކިތް ބޮޑު ކުރަންވެގެން އެމިސްކިތުގެ ކުރިމަތީގައި ހުރި ކުރިން ދެންނެވި ޒިޔާރަތް ކޮނުނީ އަޅުގަނޑުގެ ބެލުމުގެ ދަށުންނެވެ. މަސައްކަތް ކުރީ ދަޑިމަގު މަލިކުރުވާގޭ އަބުދުލްޣަފޫރު އާއި ދިގުވާނޑު ބިހުގޭ ޢަލީ އާއި ދެމީހުންނެވެ. އެދުވަހު ރަށުގެ ހަރު ބެއިފުޅެއް ކަމުގައިވާ ދިގުވާނޑު ބަގީޗާގޭ އަލްމަރުޙޫމް އިބުރާހީމްދީދީ ވަޑައިގެން ވިދާޅުވި ބަސް ފުޅަކީވެސް މިހާރު ވެސް ހަނދާން ހުރި އިބާރާތެކެވެ. ވިދާޅުވިއެވެ "ކަލޭމެން ތި ތަން ތި ކޮންނަނީ ތި ތާގައި ބުޅަލެއް އޮތްކަމުގައިހޭ ތި ތާގައި އޮތީ ތިމަންނަގެ ކާފައޭ" އަލްމަރުޙޫމް އިބުރާހިމް ދީދީ އަކީ މަޝްހޫރު އެދުރައްކާނުގެ އިބުރާހިމްދީދީއެވެ. އެ އެދުރު ތައްޚާނަކީ ދިގުވާނޑު ދިގުވާނޑިގޭ އަލްމަރުޙޫމް މުހައްމަދު ތައްޚާނު އެވެ. އަދި އިބުރާހިމްދީދީ އަކީ މި މުޙައްމަދު ތައްޚާނުގެ ޙަސަން ތައްޚާނު ދަރިކަލެކެވެ.

ކޮންމެއަކަސް ޒިޔާރަތް ކޮނެ އެތަނުގައި ހުރި އެއްޗެއް ހޯދައި ބެލުމުގެ މަސައްކަތަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރެވުނު މަސައްކަތެކެވެ. ކޮންމެ ފަކީރާއެއްގެ ފަސް ހުސްކޮށް އޭގައި އެއްވެސް ކުލައެއް ހުރި އެއްޗެއް ހުރިތޯ ވަކިވަކިން ހޯދައި ބަލަމުން ދިޔައީީ ސީދާ އަޅުގަނޑު އަމިއްލައަށެވެ. މިގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން ކުޑަ ކުއްޖެއްގެ ކަށި ފެންނަން ފެށުމުން ކުރިއަށްވުރެ ސަމާލުވީމެވެ. ސަބަބަކީ އަބުދު ނައިބުގެ ކަށި އެތާގައި ހުރިކަމުގެ އަޑު އިވިފައި ވާތީއެވެ. ނަމަވެސް ކުޑަ ކުއްޖެއްގެ ކަށި ފެނުމުގެ ފަހުން އެއްވެސް ކަހަލަ ކައްޓެއް އަދި ޝައްކު އުފެދޭ ފަދަ އެއްޗެއް ވެސް ނުފެނި ފެނުނީ އަލްމަރުޙޫމް މުޙައްމަދު ތައްޚާނު (އެދުރުތައްޚާނުގެ) ސަންދޯކެވެ. ސަންދޯކުގެ ފިލާ އަކީ ބަނބުކެޔޮ އާރު (ލަކުޑި) ގެ ފިލައެވެ. ސަންދޯކުގެ ކޮޅުފިލާ ބަނދެފައި ހުރި ރޯނުފަށް ވެސް ފީ ނުވެ ހުއްޓެވެ. ކޮންމެއަކަސް އެހިސާބުން އެ ނޫން ޤަބުރެއް ނުވަތަ ޤަބުރެއްގެ ކަށި ވެސް އެތާގައި ނެތްކަން އަޅުގަނޑަށް ޔަޤީންވީއެވެ. ފަރުވާތެރި ކަމާއެކު އެކަށިތައް ނަގައި އަރުއްފަންނު ޤަބުރުސްތާނުގައި ވަޅުލީއެވެ.

އެހެންކަމުން، ޢަބުދު ނައިބު ކަލޭގަފާނުގެ ކަށި އެޒިޔާރަތުގައި ނެތް ކަމީ އެއްވެސް ޝައްކެއް ނެތި އަޅުގަނޑަށް ޔަގީންވާ ކަމެކެވެ. ޢަބުދު ނައިބުގެ ކަލޭގެފާނުގެ ކަށި ކުރިން އެތަން ކޮނުނުއިރު ނެގިފައިވަނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ދޫދޫ މަތިން ކިޔަމުން އައިގޮތަށް ޢަލިމަނިކާ ގޭގައި ހުރި މީހަކަށް ޢަބުދު ނައިބު ކަލޭގޭފާނު ހުވަފެނުން ފެނިގެން ޢަބުދު ނައިބު ކަލޭގެފާނުގެ ކަށި ނަގައި ވަޅުލައި ޒިޔާރަތް ހެދި ވާހަކަ އަކީ ޙަޤީޤީ ވާހަކައަކަށް ނުވުމީވެސް ނުވުމަށްވުރެ ވުން ގާތް ގޮތެކެވެ.

އަޅުގަނޑު މަތީގައި ދެންނެވި ބިސްތާނެއް ގޮތަށް ހަދާފައި ހުރި ގާގަނޑުގެ ކައިރީގައި ހުރި މޫނިމާ ގަހަކީ ޢަބުދު ނައިބު ކަލޭގެފާނުގެ މަހާނަ ފާހަގަ ކުރަން ޖެހި ދަނޑިއެއް ކަމުގައި ދެކެވޭ ވާހަކަ އަކީ މިހާރު ވެސް އެހިސާބުގައި މަޝްހޫރު ވާހަކައެކެވެ. ކުރިން ދެންނެވި މޫނިމާގަސް 1972 ގައި ކަނޑައި އެތަން ކޮނުނުއިރު އެތާގައި އިންސާނެއްގެ ކަށި ހުރި ކަމަށާއި އެ ކަށި ހުރި ދިމާލުން ފާރުގެ އެތެރެ ފަރާތުގައި ޢަލި މަނިކާގޭ (ލުބޯމާގޭ) ފާރު ކައިރީގައި ވަޅުލީ ކަމުގައި ސޭޑީޔާޑު ޢަބްދުއްރަހީމް އަޅުގަނޑު ކައިރީގައި ބުންޏެވެ. ފުވައްމުލަކު ތާރީޚުގައި މިހާ މުހިއްމު ޝަޚުސިއްޔަތަކު ވަޅުލި ތަން ނޭނގުމީ ވަރަށް ދެރަ ކަމެކެވެ. އަބުދުއްރަޙީމް އެބުނާ ކަށިން އެއީ ކާކުކަން ހޯދުމީ މިއަދުގެ ދުނިޔޭގައި އުނދަގޫ ކަމެއްނޫނެވެ.

ކޮންމެއަކަސް ޢަބުދު ނައިބު ކަލޭގަފާނު ޝަހީދުވި ޚަބަރު އައްޑުއަތޮޅަށް ލިބުމުން ޔޫސުފު ނައިބު ކަލޭގެފާނާއި ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނުގެ ދެވަނަ ދަރިކަލުން އަލްޙާފިޒު އަބޫބަކުރު ނައިބު އެދުރު ކަލޭގެފާނުގެ ވެރިކަމުގައި އިތުރު ބަޔަކު ފުވައްމުލަކަށް ވަނީ ފޮނުއްވައިފައެވެ. އަލްޙާފިޒު އަބޫބަކުރު ނާއިބާއިއެކު ދޮންއައިސާގެ ދަރިކަލުން މުޙައްމަދު އަޑަފި އެދުރުކަލޭގެ ފާނުވެސް ފޮނުއްވެވިއެވެ. މި ދެބެއިންނަށް އައްޑުއަތޮޅު މީދޫ މީހުން ކޮއްކިރި ދެބެއިންގެ ނަމުން މުޚާޠަބު ކުރާ ކަމަށް ވެސް އަޅުގަނޑުގެ އަޚު ކަޅިހާރި މުޖުތަބާ ވިދާޅުވެއެވެ. އެހެން ކަމުން މިދެބެއިން ކޮއްކިރި ކިޔާ ސަރަޙައްދުގައި ވަޒަންވެރި ވެގެން އުޅުއްވި ކަމަށް ބެލެވިދާނެއެވެ. ދޫދޫމަތިން ކިޔާގޮތުން ކޮއްކިރި މިސްކިތުގެ ޒިޔާރަތަކީ މުޙައްމަދު އެދުރު ކަލޭގެފާނުގެ ޒިޔާރަތެވެ. މިހާރު މިތަންތަން ވަނީ ވީރާނާވެ ނެތިގެން ގޮސްފައެވެ. ކޮންމެ އަކަސް އެފަހަރު އައީ ހަނގުރާމަ ކުރަން ޖެހުނަސް އެކަން ވެސް ކުރާގޮތަށެވެ. އަބޫބަކުރު ނައިބު ކަލޭގެފާނު ފައިބައި ވަޑައިގަތީ މަންމަގެ އާއިލާ ކައިރި އަށް ހޯދަޑު އަވަށު ހޯދަޑިގެއަށެވެ. އަލްޙާފިޒު އަބޫބަކުރު ނައިބު އެދުރުކަލޭގެފާނަށް ނިސްބަތްވާ ހަރުދަނާ އާއިލާތައް ފުވައްމުލަކު ގައި އެބައޮތެވެ.

ޢަބުދު ނައިބު ކަލޭގެފާނު ޝަހީދުވުމުގެ ކުރިން އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ރަށުގެ އެކިހިސާބުން މަދުމަދުން މީހުން އިސްލާމްވި ނަމަވެސް މުޅި ސަރަޙައްދުގެ ހުރިހާ އެންމެން ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށުންނެވެ. އަލްޙާފިޒު އަބޫބަކުރު ނައިބު އަވަހާރަވުމުން ވަޅުލާފައި ވަނީ ގެންމިސްކިތު ގޯތި ތެރޭގައި ހުރި ޒިޔާރަތުގައެވެ. އައްޑު އަތޮޅު އިސްލާމްވީ ހިޖުރީ ތާރީޚުން 540 އާއި 542 އާއި ދެމެދުގައި ކަމަށް އެއަތޮޅުގެ ތާރީޚާއި ފުވައްމުލަކުގެ ތާރީޚު ދިރާސާ ކުރައްވާ ބެއިފުޅެއް ކަމަށްވާ އަޅުގަނޑުގެ އަޚު ކަޅިހާރި މުޖުތަބާ ވިދާޅުވެއެވެ. ފުވައްމުލަކު ރައްޔިތުން އާންމުކޮށް އިސްލާމްވީ ކަމަށް ބެލެވެނީ އެއިގެ އެގާރަ ވަރަކަށް އަހަރުގެ ފަހުން 555 ކަމަށް ބެލެވިދާނެއެވެ. ފުވައްމުލައް އިސްލާމްވި ތާރީޚު ރަސްމީކޮށް އެނގޭކަށް ނެތެވެ. އިސްލާމް ވުމުގައި ހޯދަޑު ރައްޔިތުން އިސް ނެގުމުގެ ސަބަބުން އޭރުގެ އާދަކާދައިގެ ދަށުން ނާއިބުފަތް ކިޔައިދޭން ފަށަނީ ހޯދަޑުންނެވެ. އަދި އޭރު ކިޔަމުން އައި ރައްޔިތުންގެ މާލޫދު ކިޔާއިރު ދުން މޭށިގަޑު ބަހައްޓަނީ ހޯދަޑު ސަރުދާރެވެ. އެކި އަވަށް ވަކިން މިކަން ކުރި ނަމަވެސް އިސްކަންދެނީ ހޯދަޑު އަވަށަށެވެ. ވެރިކަމުގެ ފަރާތުން ރައްޔިތުންނާ ބައްދަލު ކުރުމުގައި ވެސް އެ އަވަށަށް އިސްކަން ދެމުން އައި ނަމަވެސް މިހާރު އެ އާދަތައް ވަނީ ހުއްޓިފައެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.