މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޓިކެޓު ވިއްކުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.
މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެސްގައި ބައްސާމް ވިދާޅުވީ ޓިކެޓުތައް އެލޮކޭޓް ކުރެވިފައިވާ ގޮތްތައް ވަރަށް ތަފުސީލުކޮށް ކިޔާދެމުންދާ ކަމަށާއި އެކަމުގައި ކޮރަޕްޝަން ހިންގޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
"ޓިކެޓު ވިއްކުމުގައި ކޮރަޕްޝަންގެ ކަންކަން ހިންގޭނެ ޖާގައެއް ނޯވޭ. ވަރަށް ތަފުސީލުކޮށް މި ކިޔައިދެމުން ދަނީ އެލޮކޭޝަންސްތައް ހުރި ގޮތް. ޓިކެޓު ވިއްކަން ލިބޭ އަގުތަކަށް ބަލައިފައި ނޯވޭ އެފަދަ ގޮތަކަށް ކޮރަޕްޝަން ހިނގާނެ ޖާގައެއް. އެހެންވީމަ ގަބޫލެއް ނުކުރަން ކޮރަޕްޝަން ހިނގާފައި ވާނެ ކަމަކަށް ޓިކެޓު ވިއްކުމުގައި،" ބައްސާމް ވިދާޅުވިއެވެ.
ރާއްޖެއިން އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޓިކެޓުގެ މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ. ގައުމީ ދަނޑުގައި ކިޔޫގައި ޖެހުނު ގިނަ ބަޔަކަށް ޓިކެޓު ނުލިބި އެތަނުގައި ގިނަ ބަޔަކު މުޒާހަރާކޮށް އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ. އެ މައްސަލަ ހޫނުވެ، އެފްއޭއެމުން ވަނީ އިތުރު 1000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކައިފައެވެ. އެ 1000 ޓިކެޓަކީ ކުޅުންތެރިންގެ އާއިލާ އާއި ކްލަބުތައް، އަދި ސްޕޮންސަރުންނަށް ނަގާފައިވާ 2500 ޓިކެޓު ތެރެއިން ބައެއް ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.
ބައްސާމް މިއަދު ފާހަގަކުރެއްވީ ގައުމީ ދަނޑުގެ ކެޕޭސިޓީއަކީ މިހާރު ގާތްގަނޑަކަށް ޖުމްލަ 6000 މީހުން ކަމަށާއި އެއް ސިޑިބަރި ބޭނުން ނުކުރާތީ ބޭނުންކުރަނީ 5000 ގޮނޑި ކަމަށެވެ. އެހެންކަމުން ވަގު ޓިކެޓުތަކެއްގައި ދަނޑަށް އިތުރަށް ބަޔަކު ވަދެފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.
"ގަލޮޅު ދަނޑުގައި މިހާރު ހުންނާނެ ގޮނޑިތައް ވަކިން ހާއްސަ ކުރެވިފައި. މިހާރު މުޅި ދަނޑުގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 6،000 ގޮނޑި. އެކަމަކު މިހާރު ހާލަތު އޮތް ގޮތުން ސިޑިބަރީގައި މަތި ބޭނުންނުކުރާތީ އެ އަދަދަށް މީހުން މި ވައްދަނީ. ގޮނޑިތައް ނެތްއިރު ދަނޑަށް އެބަ ވަދޭ 10000 ނޫނީ 11000 މީހުންވެސް. އެކަމަކު މިހާރު ވަރަށް ބޮޑަށް ކެޕޭސިޓީ ކުޑަކޮށް މި އޮތީ ދަނޑުގައި. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ވަގު ޓިކެޓުތަކެއް ވިއްކާ ކަމަކަށް. ޖާގައާ އެއްވަރަށް މީހުން ވަންނަމުން ދަނީ ގޮނޑިތަކަށް،" ބައްސާމް ވިދާޅުވިއެވެ.
ބްލެކް މާކެޓުގައި ޓިކެޓު ވިއްކުން ހުއްޓުވުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބައްސާމް ވިދާޅުވީ އެކަމުގައި ފުލުހުންނާވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އިލްތިމާސަކީ ގަންނަ ޓިކެޓަކީ ދަނޑަށް ވަންނަ ޓިކެޓަކަށް ހެއްދެވުން ކަމަށެވެ. ބައްސާމް ފާހަގަކުރެއްވީ ކޮންމެ ޓިކެޓެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެން ނުބެލެނޭ ކަމަށާއި އެފަދަ ކަންކަމުގައި އޮތީ އިހުލާސްތެރިވުން ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ 13 ވަނަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ޓިކެޓު މާދަމާ ސޯޝަލް ސެންޓަރުން ވިއްކަން ފަށާނީ ހެނދުނު 10:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު