ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު އެ އޮފީހުގަ އެވެ. ބައްދަލުވުމުގައި ޒުރަބް ޕޮލޮލިކަޝްވިލި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. ކޯވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެއަށް ފަތުރުވެރިކަން ހުޅުވާލި އަވަސްމިނާއި އެކަމުގައި ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް ޒުރަބް ޕޮލޮލިކަޝްވިލި ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ހާމަކުރައްވަމުން ޒުރަބް ޕޮލޮލިކަޝްވިލި ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވިޔަސް، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއްގެ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ޒުރަބް ޕޮލޮލިކަޝްވިލި ވަނީ ރައީސް ސޯލިހުއާ ހިޔާލު ބަދަލުކުރައްވައިފަ އެވެ. އަދި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި މުސްތަގުބަލުގައި ކުރެވެން ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ. ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ވެދެވެން ހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ޒުރަބް ޕޮލޮލިކަޝްވިލި ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް އަދި ރައީސް އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެ އެވެ.