އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،000 ރުފިޔާއާއި 8،900 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ދިނުމަށް ދީފައިވާ ލަފާ އިކޮނޮމިކް މިނިސްޓަރު ދިރާސާ ކުރައްވަން ފައްޓަވައިފި އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދުތައް ބަޔާންކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވަނީ މި މަހުގެ 5 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރަށް އެ ބޯޑުގެ ލަފާ އަރުވައިފައެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގައިވަނީ ޕްރައިވެޓް ސެކްޓާގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، (ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިސްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފުތާގެ ނިސްބަތުން، މަހެއްގެ މައްޗަށް -/5,000 ރުފިޔާ ދިނުމަށެވެ.

ޕްރައިވެޓް ސެކްޓާގައި، މެދު ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، (ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިސްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް -/7,000 ރުފިޔާ ދިނުމަށް އެ ލަފާގައިވެއެވެ.

ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް ދޭން ލަފާ އަރުވާފައިވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، (ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ، ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިސްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފުތާގެ ނިސްބަތުން، މަހެއްގެ މައްޗަށް -/8,000 ރުފިޔާއެވެ.

ޕަބްލިކް ސެކްޓާގައި، ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް -/7،000 ރުފިޔާ، ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށްވެސް ލަފާގައިވެއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިހާރު ދީފައިވާ ލަފާގައި ވާ ގޮތަށް ކަނޑައަޅައިފި ނަމަ، ބައެއް ދާއިރާތަކުން މިހާރު ދޭ އެންމެ އަސާސީ މުސާރަ ދެގުނައާ ގާތަށް ބޮޑު ވާނެ އެވެ.

މިނިސްޓްރީން ބުނީ، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ މިނިމަން ބޯޑުން އަރުވާފައިވާ ލަފާ ދިރާސާކުރުމަށް ފަހު ކަމަށެވެ. ބޯޑުން ދޭ ލަފައާ މެދު ގޮތެއް ކަނޑައަޅައި ނިންމަން ވާނީ، އެ ލަފާ ދިރާސާ ކުރުމަށް ފަހުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެން ނަމަވެސް އެ އަދަދާ މެދު އެމަނިކުފާނުގެ ވައުދުފުޅުގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މިނިމަމް ވޭޖް ބޯޑުން އިކޮނޮމިކް މިނިސްޓަރަށް މިހާރު ލަފާ އަރުވާފައިވާ އަދަދުތައް ބޮޑު ކަމަށް ބުނެ ރާއްޖޭގެ ބައެއް ވިޔަފާރިވެރީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން ވެސް، މިނިމަމް ވޭޖް ބޯޑުން ވެސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.