ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާ ގުޅިގެން ޖޫން ނުވަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު، މަގާމުން ސަސްޕެންޑްކޮށްފައެވެ.
މަހުލޫފް ސަސްޕެންޝަންގައި ހުންނަވާތާ މިއަދަށް ހަތަރު މަސް ދުވަސްވެއްޖެއެވެ. މަހުލޫފް ސަސްޕެންޝަންގައި ހުންނެވީ މުސާރަ ހިނގާ ގޮތަށެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަހުލޫފުގެ ސަސްޕެންޝަން އުވާލާފައިވަނީ މިއަދުއެވެ. އަދި އޭނާގެ ސަސްޕެންޝަން އުވާލާފައި މިވަނީ މަހުލޫފްގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން ހަތަރުމަސްވީއިރުވެސް އޭނާގެ މައްޗަށް ދައުވާކޮށްފައި ނުވާތީއެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ބެލުމަށް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް މަހުލޫފް ވަނީ ދޮގު ކުރައްވައިފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް އޭނާ މަގާމުން އެކަހެރިކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު