އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު މައްސަލައިގައި ރާއްޖޭގެ ސަޕޯޓަރުން އިހުތިޖާޖު ކުރަމުންދާތީ އެކަމަށް ހައްލު ހޯދުމަށް އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނިންމައިފިއެވެ.

މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގެ ޓިކެޓު ގަތުމަށް މިއަދު ހެނދުނުން ފެށިގެން ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފައެވެ. އެފްއޭއެމުން މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިރޭ 11:00 އަށެވެ. ގިނަ ވަގުތު ކިޔޫގައި ތިބި މީހުންނަށްވެސް ޓިކެޓު ނުލިބުމުން ދަނޑުކައިރީގައި ގިނަ ބަޔަކު ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ. އިހުތިޖާޖުގައި ތިބި މީހުން ދިޔައީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޯމް ޓީމަށް ކަނޑައަޅާފައިވާ ޓިކެޓުގެ ތެރެއިން 2500 ޓިކެޓަކީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކުގެ އިތުރުން އެފްއޭއެމްގެ ސްޕޮންސަރުންނަށް ވިއްކާ ޓިކެޓުތައް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ދަނޑަށް ވަންނަން ބޭނުންވެ، ޓިކެޓު ނުލިބި ކަންބޮޑުވެފައިވާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލަބުތަކާއި ކުޅުންތެރިންގެ އާއީލާ އަދި ސްޕޮންސަރުންނަށް ވިއްކާ ޓިކެޓުގެ ތެރެއިން 1000 ޓިކެޓު ވިއްކަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

އެ 1000 ޓިކެޓު ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މިއަދުގެ އިހުތިޖާޖުގައި ބައިވެރިވާ ދިވެހި ޓީމުގެ ސަޕޯޓަރަކު "ވަން"އާ ވާހަކަދައްކަމުން ބުނެފައި ވަނީ ހެނދުނު 8:30 ގައި ކިޔޫގައި ޖެހުނު މީހުންނަށް ވެސް ޓިކެޓު ލިބިފައި ނުވާ ކަމަށާއި ދަނޑުން ވިއްކީ ވަރަށް މަދު އަދަދެއްގެ ޓިކެޓު ކަމަށެވެ. އަދި ސަޕޯޓަރުންނަށް ވިއްކީ 60 ޓިކެޓު ކަމަށް ބުނެ، އޭނާ ވަނީ އެފްއޭއެމްގެ އަމިއްލަ ވިޔަފާރިއަށް އަގުބޮޑުކޮށް ވިއްކުމަށް ޓިކެޓުތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެ ވާހަކަތަކަށް އެފްއޭއެމުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެ ކުރިން ރާއްޖެ އާއި ބަންގުލަދޭޝް މެޗަށް ޓިކެޓު ވިއްކި އިރުވެސް ވަނީ ދަނޑުކައިރީގައި އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް އެފަހަރު އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރީ ބަންގުލަދޭޝްގެ ސަޕޯޓަރުންނެވެ. އެމީހުންގެ ޝަކުވާއަކަށް ވީ 5000 ޓިކެޓުގެ ތެރެއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކުމެވެ. ނަމަވެސް ސާފުގެ އުސޫލުގައިވާ ގޮތުން ހޯމް ސަޕޯޓަރުންނަށް ގިނަ ޓިކެޓު ހާއްސަކުރަން ޖެހެއެވެ.