އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން މިރޭ ހޯދި މޮޅަކީ ގައުމީ ދުވަހު ރައްޔިތުންނަށް، ގައުމީ ޓީމުން ދިން ހަދިޔާއެއް ކަމަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ގައުމީ ދަނޑުގައި ބަންގުލަދޭޝްއާ ދެކޮޅަށް މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާ އިރު، މިއަދުގެ މޮޅު ވެގެންދާނީ ރައްޔިތުންނަށް ގައުމީ ޓީމުން ދިން ގައުމީ ދުވަހުގެ ފުރިހަމަ ހަދިޔާއަކަށެވެ. މޮޅާއެކު ރާއްޖެއަށް ވަނީ ފައިނަލުގެ އުންމީދު އާވެފައެވެ. ތަށި ދިފާއުކޮށް، ތިންވަނަ ފަހަރަށް ސާފް ހޯދުމަށް އަނެއްކާވެސް ރާއްޖެއަށް ވަނީ ހިތްވަރެއް ލިބިފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން މިރޭގެ މެޗުގައި ރާއްޖޭގެ ދެވަނަ ގޯލު ޖަހި ދަގަނޑޭ ބުނެފައި ވަނީ މޮޅަކީ ގައުމީ ޓީމުން، ގައުމުގެ ރައްޔިތުންނަށް ދިން ފުރިހަމަ ހަދިޔާއެއް ކަމަށެވެ.
"ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅު ހަދިޔާއެއް މި ދެވުނީ ގައުމީ ދުވަހުގައި،" ދަގަނޑޭ ބުނެފައިވެއެވެ.
މިރޭގެ ޕްރެސްގައި ދަގަނޑޭއާ އިތުރު ސުވާލުތަކެއްވެސް ކުރިމަތިވެފައިވާ އިރު، ބަންގުލަދޭޝްއިން 2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު މެޗާއި މިރޭ ކުޅުނު މެޗަށް ބަލާއިރު ފެންނަ ތަފާތަކީ ކޮބައިތޯ ދަގަނޑޭ ގާތުގައި ބަންގުލަދޭޝް ނޫސްވެރިޔަ ވަނީ އަހައިފައެވެ. ދަގަނޑޭ ކުރުކޮށް ބުނެފައި ވަނީ އޭރު ބަންގުލަދޭޝް ޓީމުން ފުޓުބޯޅަ ކުޅެން ނޫޅުނު ނަމަވެސް، މިހާރު ޓީމުން ރަނގަޅު ފުޓުބޯޅައަކަށް މަސައްކަތް ކުރާ ކަމަށެވެ.
މިހާތަނަށް ގައުމީ ޓީމާއެކު 80 އަށްވުރެ ގިނަ ގޯލު ދަގަނޑޭ ޖަހައިދީފައިވާ އިރު، މިރޭ ޖެހި ގޯލާއެކު ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް 21 ގޯލު ޖަހައިފައެވެ. ދަގަނޑޭއަކީ މިހާތަނަށް މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ދަގަނޑޭ ކައިރިން ގޯލު ޖެހުމުގެ މުހިއްމުކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ބުނެފައި ވަނީ "މުހިއްމީ ގޯލެއް ނޫން. އެންމެ މުހިއްމީ ކޮންމެ ކުޅުންތެރިޔަކު ގޯލު ޖެހިޔަސް ޓީމު މޮޅުވުން. އެކަންވުމުން އެ ނިމުނީ،" މިހެންނެވެ.
އުމުރުން 36 އަހަރުގެ ދަގަނޑޭ ގާތުގައި ރިޓަޔާ ކުރަން ވިސްނަންތޯވެސް ނޫސްވެރިޔަކު ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި ދަގަނޑޭ ބުނީ އަދި އެކަމާ ނުވިސްނާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް