އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ހަވަނަ މެޗުގައި ދިވެހި ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ މުބާރާތުގައި ރާއްޖެ ކުޅޭނެ ދެވަނަ މެޗު. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ނޭޕާލުން އަތުން 1-0 އިން. މިރޭގެ މެޗު ރާއްޖެއަށް މުހިއްމު. އެއީ މޮޅު ވެގެން ނޫނީ އަމިއްލަ ބާރުގައި ފައިނަލަށް ދިއުމަށް ފުރުސަތު ނޯންނާނެތީ. އަނެއްކޮޅުން މެޗަށް ނުކުންނަ ބަންގުލަދޭޝްއަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޓީމު. ފުރަތަމަ މެޗުގައި ލަންކާ ބަލިކޮށް ބަންގުލަދޭޝްއިން މުބާރާތް ފެށި އިރު، ދެން ކުޅުނު މެޗުގައި އިންޑިއާއާ އެއްވަރު ކުރި. އިންޑިއާއާ ބަންގުލަދޭޝް އެއްވަރު ކުރި މެޗުގެ ބޮޑު ބައެއްގައި އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށް.

  • ރާއްޖެއާއި އިންޑިއާ މީގެ ކުރިން 12 މެޗެއްގައި ވާދަކުރި
  • އޭގެ ތެރެއިން ރާއްޖެ ކާމިޔާބުކުރީ ހަތަރު މެޗެއް
  • ބަންގުލަދޭޝްއިން ވަނީ ފަސް މެޗުން މޮޅުވެފައި
  • އެންމެފަހުން ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި
  • އޭގެ ފަހުން ބައިނަލްއަގުވާމީ މެޗެއްގައި ރާއްޖެ ބަންގުލަދޭޝް އަތުން ބަލިވެފައެއް ނުވޭ
  • އެންމެފަހުން ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރީ 2016 ވަނަ އަހަރު ރާއްޖޭގައި
  • އެ މެޗުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއަކުން

މިރޭގެ މެޗަކީ މުޅި މުބާރާތުގައިވެސް ސަޕޯޓަރުންގެ ފޯރި އެންމެ ގަދަވާނެ މެޗު. މެޗަށް ވިއްކި 5000 ޓިކެޓު ވިކި ހުސްވި. އޭގެ ތެރެއިން ބިދޭސީންނަށް ވިއްކީ 200 ޓިކެޓު. އެކަމުގެ ނުރުހުމުގައި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝް ރައްޔިތުން ވަނީ އެފްއޭއެމްއަށް ފާޑު ކިޔައިފައި. ރާއްޖޭގެ ސަޕޯޓަރުންނާއި ބަންގުލަދޭޝް ސަޕޯޓަރުން ވަނީ މިރޭގެ މެޗަށް ތައްޔާރުވެގެން މިހާރު ދަނޑަށް ވަދެފައި.