އުރީދޫ ސާފް ޗެމްޕިއަންޝީޕް ކަވަރު ކުރުމަށް ރާއްޖެ އައިސް އުޅުނު ނޫސްވެރިއަކަށް އެފްއޭއެމްގެ އޮފިޝަލަކު ހުރަސް އަޅައި، އޭނާއަށް ފުރައްސާރަ ކުރުން ބަލައި ނުގަނެވޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނެގުމަށް އެފްއޭއެމްގެ އޮފިޝަލް އަމަލު ކުރިގޮތް ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯގައި ފެންނަނީ ދަނޑު ސަރަހައްދައް ދިޔަ ނޫސްވެރިޔާ ބެރެކޭޑު ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެފްއޭއެމްގެ އޮފިޝަލު އައިސް އޭނާ ކަރުގައި އަޅާފައިވާ ކާޑު ދަމައިގަންނަން މަސައްކަތް ކުރާތަނެވެ. އެކަން ކުރުމުގައި އެފްއޭއެމްގެ އޮފިޝަލު ނޫސްވެރިޔާ "ގަޔަށް އަތްލާ" މަންޒަރު ފެނިފައިވާއިރު، އެކަމަށް ގިނަ ބަޔަކު ވަނީ އެފްއޭއެމްއަށްވެސް ފާޑު ކިޔައެވެ.

އެމްޖޭއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެފްއޭއެމްގެ ފަރާތުން ނޫސްވެރިޔަކަށް ފުރައްސާރަކުރުން ބަލައި ނުގަނެވޭ ކަމަށާއި އެފްއޭއެމްގެ އޮފިޝަލުގެ އަމަލުތައް ހުރި ގޮތުން ނޫސްވެރިޔާގެ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށެވެ. ބަންގުލަދޭޝް ނޫސްވެރިޔާ ހުރީ އެކްރެޑިޓް ކޮށްފައިވާ ފާހެއް އަޅައިގެން ކަމަށާއި އެފަދަ ގޮތަކަށް އިވެންޓް ކަވަރު ކުރަން ހުއްޓައި އެކަން ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްޖޭއޭއިން ބުނެފައިވެއެވެ.

އެމްޖޭއޭއިން ބުނެފައި ވަނީ މުބާރާތް ހޯސްޓު ކުރާ ފަރާތާއި އެފްއޭއެމްއިން އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ގޮވާލާ ކަމަށާއި ނޫސްވެރިންނާ މެދު އެފަދަ ގޮތްގޮތަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

ބަންގުލަދޭޝްއާއި ރާއްޖެ މާދަމާ ރޭ ވާދަކުރަން އޮތް މެޗުގެ ޓިކެޓު ވިއްކަން ފެށުމާއެކު ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ދަނޑަށް ވަނުމަށް އެފްއޭއެމްއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް މާ މަދުން ޓިކެޓު ވިއްކަމުންދާ ކަމަށް ބުނެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑު ކައިރީގައި އަޑުގަދަކޮށް، ހަޅޭ ލަވާފައިވެސް ވެއެވެ. އެފްއޭއެމްގެ އޮފިޝަލް ނޫސްވެރިޔާގެ ފާސް އަތުލަން އުޅުނުއިރު، ނޫސްވެރިޔާ މަސައްކަތް ކުރީ އެ މަންޒަރުތައް ކަވަރު ކުރުމަށެވެ.

ޓިކެޓު މައްސަލަތަކުގައި ބަންގުލަދޭޝް ސަޕޯޓަރުން ނުރުހުން ފާޅު ކޮށްފައިވާއިރު، ޓިކެޓު ވިއްކުމުގައި ކަންކަން ކޮށްފައި ވަނީ ކުރިންވެސް އޮންނަ އުސޫލަށެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 އެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ. އެއީ ސާފްގެ އުސޫލުގައި ބުނާ ގޮތެވެ. އަދި ދުނިޔޭގެ ފުޓުބޯޅަ ހަމައަށް ބަލާއިރުވެސް، އަވޭ ޓީމުތަކަށް އަބަދުވެސް ވިއްކާނީ ހޯމް ޓީމުތަކަށްވުރެ ބޮޑުތަނުން ޓިކެޓު މަދުކޮށެވެ.