އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ކަންކަން ކަވަރު ކުރުމަށް ރާއްޖެ އައިސް އުޅުނު ނޫސްވެރިއަކަށް ހުރަސް އަޅައި، އޭނާގެ މީޑިއާ ފާސް ކަރުގައި އޮއްވާ ދަމައިގަތް އެފްއޭއެމްގެ އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.
ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓިކެޓް ވިއްކުމުގެ ކަންކަން ކަވަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނެގުމަށް އެފްއޭއެމްގެ އޮފިޝަލް އަމަލު ކުރިގޮތް ބަލައިނުގަނެވޭ ކަމަށާއި މައްސަލަ އިތުރަށް ބަލައި، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ބަންގުލަދޭޝް އާއި ރާއްޖެ މާދަމާ ރޭ ވާދަކުރަން އޮތް މެޗުގެ ޓިކެޓު ވިއްކަން ފެށުމާއެކު ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ދަނޑަށް ވަނުމަށް އެފްއޭއެމްއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް މާ މަދުން ޓިކެޓު ވިއްކަމުންދާ ކަމަށް ބުނެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑު ކައިރީގައި އަޑުގަދަކޮށް، ހަޅޭ ލަވާފައިވެސް ވެއެވެ. އެ ވާހަކަތައް ކަވަރު ކުރަން ދަނޑު ސަރަހައްދައް ދިޔަ ނޫސްވެރިޔާ ބެރެކޭޑު ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެފްއޭއެމްގެ އޮފިޝަލު އައިސް އޭނާ ކަރުގައި އަޅާފައިވާ ކާޑު ދަމައިގަންނަން މަސައްކަތް ކުރާތަން ފެނެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 އެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ. އެއީ ސާފްގެ އުސޫލުގައި ބުނާ ގޮތެވެ. އަދި ދުނިޔޭގެ ފުޓުބޯޅަ ހަމައަށް ބަލާއިރުވެސް، އަވޭ ޓީމުތަކަށް އަބަދުވެސް ވިއްކާނީ ހޯމް ޓީމުތަކަށްވުރެ ބޮޑުތަނުން ޓިކެޓު މަދުކޮށެވެ. ފީފާގެ ގަވާއިދަށް ބަލައި، ގިނަ ގައުމުތަކުން އަމަލުކުރަމުން އަންނަނީ އަވޭ ޓީމަށް ދަނޑުގެ ކެޕޭސިޓީގެ 5-10 ޕަސެންޓާ ދެމެދުގެ ސަޕޯޓަރުން ވެއްދޭ ގޮތަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު