ސިނަމާލެ ބްރިޖް އަޅާތަން ބަލަން ހެދި ޕްލެޓްފޯމާއި ފުޑް އައުޓްލެޓް ޕްރޮޖެކްޓްގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލާގައި މުއިއްޒުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން މިއަދު ބުނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިއާއެއް ހިންގުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި ސްޓްރާޑާއިން ޕާކިން އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި، އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމައި މިއަދު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި މުއިއްޒުގެ އިތުރުން ދެން ދައުވާ ކުރަން ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ސޮއިކޮށްފައިވަނީ 22 ސެޕްޓެންބަރު 2016 ގައެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ ފަސް އަހަރު ދުވަހަށް އިތުރުކޮށްފައެވެ.
އޭސީސީން ބުނީ ބްރިޖް އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާއިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖެއްސުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާއަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އެހެންނަމަވެސް އެހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފު ކަމެއް ކަމަށާއި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
"އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާއިރު، އަދި މިނިސްޓްރީއަށް އެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ލިބިދީފައިއޮވެމެ، އެ އިހުތިޔާރުގެ ބޭނުންނުކޮށް، ސްޓްރާޑާއަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާތީ އެކަމުގައި މިނިސްޓްރީއިން ސްޓްރާގެ މަސްލަހަތު އިސްކޮށްފައިވާކަން އެނގޭ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ސްޓްރާޑާއިން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި ބިން ކުއްޔަށްދޫކޮށްފައިވާ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށާއި މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށް ނިންމި ކަމަށެވެ. އަދި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ސްޓްރާޑާއިން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާ ކަމަށާއި އެގޮތުން 1 ނޮވެންބަރު 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.98 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާއިން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް މިނިސްޓްރީން ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި ސްޓްރާޑާއަށް އަދުލުވެރި ބަދަލެއް ހޯދުމަށް މުއިއްޒު ސޮއިކޮށް، ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެޓާނނީ ޖެނެރަލްގެ އޮފީހުގައި އެކަމުގެ ލަފަޔަކަށް އެދިފައިނުވާ ކަމަށްވެސް ބުންޏެވެ.
"މުއިއްޒު ސޮއިކޮށް ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ޗާޓައިމް ވަކިކޮށް އެއްބަސްވުން އިސްލާހުކޮށްފައިވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޗާޓައިމް އަކީ އިނީޝިއަލް އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމާއި ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 އޭޕްރިލް 2018 ގައި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިސްލާހުގެ ޒަރީއާއިން ސްޓްރާޑާއިން އެދުނު އިތުރު ކަންކަމަށް ހުއްދަދީ ބަދަލުދީފައިވޭ. އޭގެ ފަހުން ސްޓްރާޑާއިން 26 ސެޕްޓެންބަރު 2018 ގައި އެދުނު ގޮތަށް އަލުން ބަދަލެއްގެ ގޮތުގައި އެކުންފުންޏަށް 32,165,139.00 ރުފިޔާ ހޯދަން ހަމަ އެދުވަހު މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށް، ފައިސާގެ ބަދަލަކީ ސްޓްރާޑާއަށް ލިބެންޖެހޭ ފައިސާއެއްކަމަށް ދޭހަވާގޮތަށް އަދި ސްޓްރާޑާއަށް ކުރިން ބަދަލު ލިބިފައިވާ ކަމުގެ ސައްހަ މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަން އެނގޭ،" އޭސީސީން ބުންޏެވެ.
މާލިއްޔަތު ގަވާއިދާ ހިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކޮށް، އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގައި ސޮއިކޮށްފައި ވަނީ ހަބީބު ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ ޗާޓައިމްގެ ބަދަލެއްގެ ގޮތުގައި 14.5 މިލިއަން ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށް ރައީސް އޮފީހުގެ ލަފައަކަށް އެދި ހައުސިން މިނިސްޓްރީން ސިޓީ ފޮނުވާފައިވީ ނަމަވެސް، 14 އޮކްޓޫބަރު 2018 ގައި އެ ކޮމިޝަނުން ބަދަލު ދިނުން ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ވާން އޮތް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ހުއްޓުވިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު