ވިލިމާލޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އަށް ފޮނުވައިފިއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި މަޝްހޫރު އަހުމަދު އަޒްމީލާއި، އިސްމާއިލް ޖުމައިހުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އެވެ. މީގެއިތުރުން އަޒްމީލުގެ ކޮއްކޮ، ޝާހިލު މުހައްމަދުވެސް އެ ކޮޓަރީގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގައެވެ.

އެ އޮޕަރޭޝަނުގައި އެމީހުން ތިބި ތަނަށް ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ މޭޒުމަތީގައި ހާމައަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި، ކޮޓަރީގެ ދޮރު ހުޅުވާފައިވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ.

ފުލުހުން މިއަދު ބުނީ އެ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ތަހުގީގު ފުރިހަމަވެފައިވާތީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. ދެން ހުރި މީހާވެސް މިއަދު ދޫކޮށްލާނެކަމަށް ފުލުހުން ބުންޏެވެ.

ކޯޓު މަރުހަލާގެ ތެރެއިން، އިތުރަށް އެ މީހުން ހައްޔަރުގައި ބަހައްޓަން އަމުރުކޮށްފި ނަަމަ، އެގޮތަށް އަމަލުކުރާނެކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިމަހު ނުވަ ދުވަހު ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނެފައިވަނީ އެ ކޮޓަރިން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާ ކަމަށެވެ. އެހެންކަމުން، އެ އެންމެންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯޓުން ވަނީ އެ ހަތަރު މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައެވެ

މި މައްސަލައިގައި ހިމެނޭ ޖުމައިހު ފިޔަވައި، އަނެއް ތިން މީހުންނަކީ މީގެ ކުރިންވެސް ކުށުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރި ރެކޯޑު އޮތް މީހުންނެވެ.