ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް ހުށަހަޅާފައިވާކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެފްޑީސީގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލް މިއަދު ހާމަކުރިއިރު، އެ ކޯޕަރޭޝަނުން ބުނެފައިވަނީ އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީއްސުރެ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ޕޯޓަލްއާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 6،917 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 6،128 މައްސަލަ ހައްލުކޮށްދީފައިވާކަމަށް އެފްޑީސީން ބުންޏެވެ.

ފްލެޓްތަކާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ މައްސަލަތައް:

  • އެންމެ ގިނައިން ހުށަހަޅާފައިވަނީ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތައް
  • ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަޕްޓޭޑް ކުރުމާ ގުޅޭ ދަތިތައް
  • އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ޝަކުވާ
  • އަޑުގަދަވުމުގެ އުނދަގުލާއި ލިފްޓް މެއިންޓަނެންސް މައްސަލަތައް

އެފްޑީސީން ބުނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ހައްލު ނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން ކުރަމުންދާ ކަމަށެވެ.

އެފްޑީސީ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އެ ކުންފުނީގެ ފްލެޓްތަކުގެ ތެރެއިން ދެ ފްލެޓަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ފުލެޓުގެ އެއްބަސްވުން ބާތިލްކޮށް، ދެ ފުލެޓް ހުސްކުރަންވަނީ އަންގައިފައެވެ.

ނަމަވެސް، ފަހުން އެ ދެ އެޕާޓްމަންޓަށް ފައިސާ ދައްކަން ފަށާފައިވާކަމަށް އެފްޑީސީން ބުނެފައިވެއެވެ.