ދިވެއްސަކަށް އދގެ އެންމެ މަތީ މަގާމަށް އާދެވުނީ ހާރިޖީ އަދި ޑިމޮކްރެސީގައި ރައީސް ގެންގުޅުއްވި ސިޔާސަތުން ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް، ޝާހިދު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ދިވެހި ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ފަހުރުވެރިކަމާއެކު ބައިނަލްއަގުވާމީ ދާއިރާގައި ކޮޅަށް ތެދުވެ ބަސްބުނަން ކެރޭ ގައުމަކަށް ވެފައިވާ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދިވެއްސަކަށް އދ.ގެ އާންމު މަޖިލީހުގެ އެންމެ މަތީވެރިޔާގެ މަގާމަކާ ހަމައަށް ވަޑައިގަނެވުނީ ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅާއި ހިދުމަތުގެ ސަބަބުން ކަމަށެވެ.

ދިވެހި ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިއަދު ބައިނަލް އަގުވާމީ މައިދާނުގައި ކޮޅަށް ތެދުވެ ބަސް ބުނެވޭ ގައުމަކަށްވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި މިއީ ބޭރުގެ ގައުމުތަކާއި ރާއްޖެއިން ގުޅުން ބަދަހިކޮށް ކުރެއްވި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށްވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް އދ. ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށާއި އދ. އިސްލާހު ކުރުމުގެ މަސައްކަތް ޝާހިދުގެ ދައުރުގައި ކުރެއްވުމަށް ވެސް އެދި ވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އދ.ގ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ތިން ދުވަހަށް ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު ޒުވާނުންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ނިންމަވާފަ އެވެ.