ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކަށް ދޭން ޖެހޭ ދަތުގެ ފަރުވާ ނުދީ ލަސްވުމުގެ ސަބަބުން އެ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލަިއގައި، ގދ. ތިނަދޫ، ގޮފި، އަލީ ހުޒާމް ސައީދު އާއި ހދ. މާވައިދޫ، ތުނިވެލި، މުހައްމަދު އާނިމް އަހުމަދު އިތުރު ބަޔަކާ ގުޅިގެން އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، 2020 ޖުލައި 3 ވަނަ ދުވަހުގެ 13:21 އެހާކަންހާއިރު ފުލުހުން މުހައްމަދު އާނިމް ހައްޔަރުކުރި ކުރި އެވެ. އާނިމް ހައްޔަރުކުރުމަށްފަހު ބަންދުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދެއްވައި، އާނިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އާނިމް ހައްޔަރުކުރެވިފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އާނިމް މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވެފައި، ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއިގަރަނީ ފުލުހުން ހުށަހަޅާފައިވާތީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ 15 ދުވަހަށް އާނިމް ބަންދުގައި ބަހައްޓަން ކޯޓުން ކަނޑައެޅި އެވެ.

އެ ފަހުން ތިން ފަހަރެއްގެ މަތިން އާނިމް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އަދި 2 ސެޕްޓެމްބަރު 2020 އިން ފެށިގެން ޝަރީއަތް ނިމެންދެން ނުވަތަ ކޯޓުން އިތުރު ގޮތެއްކަނޑައަޅަންދެން އާނިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ކުރިން އާނިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ވަނީ 9 ޖުލައި 2020 ގައި ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ ދުވަހު ކޯޓުން އާނިމްގެ ބަންދަށް 15 ދުވަސް ޖަހައިދިން ނޯޓިސްގައި ވަނީ "މީނާގެ ސިއްހީ ޙާލަތު ބައްލަވާ ފަރުވާ ދިނުމަށް" ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ތިނެއް އޮގަސްޓް 2020 ގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގެ އިތުރު ބަޔާނުގައިވެސް އާނިމްގެ "ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދިނުމަށް" އަދި 18 އޮގަސްޓް 2020 ގައި ނެރުނު ބަންދު އަމުރުގެ އިތުރު ބަޔާނުގައި އާނިމް "ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމަށް" ވަނީ ބަޔާންކޮށްފައި އެވެ.

ޝަރީޢަތް ނިމެންދެން ނުވަތަ ކޯޓުން އިތުރު ގޮތެއް ކަނޑައަޅަންދެން އާނިމް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޯޓު އަމުރު ނެރެފައިވަނިކޮށް އާނިމްގެ ބަންދު މުރާޖައާ ކުރަން ބޭއްވުނު އަޑުއެހުމުގައި، އާނިމްގެ ފަރާތުން ބުނެފައިވަނީ އޭނާގެ ދަތް ހަލާކުވުމުގެ ސަބަބުން ދަތުގެ ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި، ނަމަވެސް ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް ބޭސް ފަރުވާ ލިބިފައި ނެތް ކަމަށާއި ފަރުވާ ލިބިފައި ނުވުމުގެ ސަބަބުން ދަތުގައާއި ބޮލުގައި ރިއްސާތީ ކާއެއްޗެހި ކެއުމުގައި އުނދަގޫވާ ކަމަށާއި، ހަމައެހެންމެ ނިދުމަށް ދަތިވެ މިނޫންވެސް އުނދަގޫތައް ވާކަމަށެވެ. އާނިމްގެ ފަރާތުން ހުށަހެޅި އެ ޝަކުވާއާ ގުޅިގެން އާނިމްގެ ބޭސްފަރުވާ ކުރިއަށްދާ ގޮތުގެ ލިޔުންތައް ކަމާ ގުޅުން ހުރި އިދާރާތަކުން ހޯދައި އެ ލިޔުންތަކަށް ބައްލަވައި، އާނިމް ދަތުގެ ފަރުވާއަށް ބޭނުންވާކަން ކަށަވަރު ކުރެވި، އޭނާއަށް ފަރުވާ ދިނުމުގައި އެކަށީގެން ވާ މަސައްކަތެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮށްފައި ނުވާކަން ފަނޑިޔާރަށް ގަބޫލުކުރެވޭ ކަމަށް ފާހަގަކުރުމަށްފަހު އާނިމަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ޝަރުތު ކޮށް އާނިމް ވަގުތީ ގޮތުން ބަންދުން ދޫކުރުމަށް 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ނުކުތާގެ ތަފްސީލުގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ، އާނިމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު އާނިމްގެ ފުށުން މުޖުތަމައަށް އޮތް ނުރައްކާ ފިލައިގެން ގޮސްފައި ނުވާ ކަމަށާއި، އާނިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ، ކަފާލަތުގެ ދަށުންވެސް ޝަރުތުކޮށް ބަންދުން ދޫ ނުކުރެވޭ ބާވަތުގެ ކުށެއް ކަމުގައި ވާތީ، އާނިމް ބަންދުން ދޫކޮށްލި ދޫކޮށްލުން ގާނޫނާއި އެއްގޮތް ނޫން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އާނިމްގެ ފަރާތުން ފާހަގަކުރި މައިގަނޑު ކަމަކީ، އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށްލީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޯރުކޮށްދޭން ޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދެވިފައި ނެތުމުން ވަގުތީ ގޮތުން ކަމަށާއި، އާނިމް އެދުނީ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ތަނަވަސް ވުން ކަމަށެވެ. އަދި ފަރުވާ ނިމުމަށްފަހު އަނބުރާ އިހު ހުރި ގޮތަށް ދާން އެއްވެސް އިއުތިރާޒެއް ނުކުރާ ކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށް އާނިމްގެ ފަރާތުން ވަނީ އެދިފަ އެވެ.

ދައުލަތުން ވިދާޅުވީ، އާނިމަށް އެކަށީގެންވާ ފަރުވާ ދެވިފައިވާ ކަން ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް އާނިމް ބުނީ އޭނާގެ މައިގަނޑު ޝަކުވާއަކީ، 2021 އެޕްރީލް 05 ވަނަ ދުވަހު މާފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން ދަތުގައި ފުޓުނި އަޅަން ޑޮކްޓަރު އިރުޝާދު ދީފައިވާއިރު، ފުޓުނި އެޅުމަށްފަހު 23 ޖޫން 2021 ވަނަ ދުވަހު ރިވިއުކުރުމަށް ލަފާ ދިނުމާ ގުޅިގެން ރިވިއުއަށް އަށް ދިއުމުން އިތުރު ފަރުވާއަށް (ރޫޓް ކެނަލް ޓްރީޓްމަންޓް) އަށް މާލެ ގެންދަން މާފުށީ ސިއްހީ މަރުކަޒުން ލަފާދީފައި ވީ ނަމަވެސް އެފަރުވާ ލިބޭނެ ކަން އަދި ލިބޭނެ ތާރީހެއްވެސް އެނގިފައި ނެތަތީ ފަރުވާ ލިބޭނެ މަގެއް ހޯދުމަށާއި ފަރުވާ ލިބުން ލަސްވެގެން ކޮށްފައިވާ ޝަކުވާ ކަމަށް ކަމަށެވެ.

މި މައްސަލައިގެ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ހައި ކޯޓުން ހުކުމް ކުރީ ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ނުކުރެވޭނެތީ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.