އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ސަގާފަތް އޮންނަ ގޮތުން ރައީސް ކަމަށް ހޮވިވަޑައިގަތުމަށްފަހު އެބޭފުޅަކު އެންމެ ފުރަތަމަ ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމަކަށެވެ. ނަމަވެސް އެއީ އެ ގައުމަކުން ރަސްމީ ކޮށް ދައުވަތު ދެއްވުމުންނެވެ.

މިއަދު ހެނދުނު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީޒާހުރު އާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު ޒުވާނުންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ނިންމަވާފަ އެވެ.

އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު 10:00 ގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ވަޑައިގެން ޝާހިދާއި ބައްދަލު ކުރައްވައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ.