ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ހަ އަހަރުގެ ކުއްޖާ ކުއްލި ގޮތަކަށް މަރުވި މައްސަލަ ހެލްތުންވެސް ބަލަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ހަ އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވެސް ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ހާދިސާގެ ޑޮކިއުމަންޓުތައް ހޯދައި، ގުޅަން ޖެހޭ ފަރާތްތަކަށް ގުޅައި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. އަދި ދާން ޖެހިއްޖެ ހާލަތެއްގައި ފުވައްމުލަކަށް ގޮސްގެންވެސް މައްސަލަ ބަލާނެ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރު މުހައްމަދު ލިރާރު "ވަން" އަށް އިއްޔެ ވިދާޅުވި ގޮތުގައި، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައޯ ބަނޑަށްތަދުވެ ހޮޑުލާތީއެވެ. އަދި ކުއްޖާއަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ ރޭ 7:00 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމާއެކު ސީޕީއާރު ދޭން ފަށައި، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެކުއްޖާއަށް ފަރުވާ ދިން ކަމަށެވެ. އަދި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ޑޮކްޓަރުން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ކުއްޖާއަށް ހޮސްޕިޓަލުން އިހުމާލުވި ކަމުގެ ތުހުމަތު އާއިލާއިން އަންނަނީ ކުރަމުންނެވެ. އެހެންކަމުން އެ މައްސަލަ ހޮސްޕިޓަލުންވެސް އަންނަނީ ބަލަމުންނެވެ. އަދި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.