އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ، ލިވަޕޫލާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗަކީ ޑްރާމާއިން ފުރިގެންވާ މެޗެކެވެ. ހިތްގައިމު ގޯލުތަކުގެ އިތުރުން ކޯޗުންގެ ނުތަނަވަސްކަންވެސް ފެނިގެން ދިޔައިރު، މެޗުގެ ނަތީޖާއާއެކު މިފަހަރުގެ އިންޓަނޭޝަލް ބްރޭކަށް ދާއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮންނާނީ ޗެލްސީއެވެ.

ޗެލްސީއަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ދެވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ސިޓީ އަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފައެވެ.

ފުރަތަމަ ހާފްގައި މަދު ހަމަލާތަކެއް ފެނުނު އިރު، މެޗުގެ ގިނަ ކަންކަން ހިނގައި ދިޔައީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފެށިގެން މެޗުގެ 59 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލީޑުނަގައިދިނެވެ. މުހައްމަދު ސަލާހު ހުސްކޮށްލާފައި މާނޭ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފައެވެ. ސިޓީން ނަތީޖާ ހަމަހަމަ ކުރީ އޭގެ 10 މިނިޓް ފަހުން ފޯޑެން ޖެހި ގޯލުންނެވެ. ގަބްރިއެލް ޖީސޫސް ދިން ބޯޅަ ކޮންްޓްރޯލް ކޮށްލުމަށް ފަހު ފޯޑެން ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ދެން ފެނުނީ އަނެއްކާވެސް ލިވަޕޫލުން ލީޑު ނެގި ތަނެވެ. ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގީ ސަލާހު ޖެހި ހިތްގައިމު ގޯލަކުންނެވެ. މެޗުގެ 76 ވަނަ މިނިޓްގައި ސިޓީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް އޭރިއާ ތެރެއަށް ވަދެ، ސަލާހު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

ލިވަޕޫލަށް ލީޑު ހިފެހެއްޓުނީ ފަސް މިނިޓް ވަންދެނެވެ. ޑި ބްރޭނާ އޭރިއާތެރެއިން ޖެހި ޝޮޓް ލިވަޕޫލްގެ ޖޮއެލް މަޓިޕް ގައިގައި ޖެހިފައި ވަނީ ގޯލަށް ވަދެފައެވެ.

މި މެޗުގެ ދެ ވަަނަ ހާފްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ރެފްރީ ޕޯލް ޓިއޭނީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގާޑިއޯލާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ލިވަޕޫލްގެ ޖޭމްސް މިލްނާ އަށް ދެވަނަ ރީނދޫ ކާޑު ނުދެއްކުމުންނެވެ. އެކަމާ ޝަކުވާ ކުރުމުން ގާޑިއޯލާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.