ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އިތުރަށް ކުރިއަށް ނުގެންދެވި އަލުން ފަށަން ޖެހިދާނެފަދަ ހާލަތެއް އުފަންކުރުވާ ހުކުމެއް ހައި ކޯޓުން މިއަދު ކޮށްފައި ވަނިކޮށް އޭނާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، މައްސަލައެއް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދީފައި ކަމަށެވެ. އެހެންކަމުން ޑރ. މުއިއްޒުގެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާތީ ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރުގެ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތެއް މިއަދު ވަނީ ކުރިމިނަލް ކޯޓުގައި ބާއްވައިފައެވެ.

ޝަރީއަތުގައި ޑރ. މުއިއްޒުގެ ގާނޫނީ ވަކީލު އާދަމް ޝަމީމު ވިދާޅުވީ ޑރ. މުއިއްޒުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ދައުވާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން އަދި ކަނޑައަޅާފައި ނެތް ކަމަށެވެ.

ޝަމީމް، ހައި ކޯޓުގެ އެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަން ޝަރީއަތުގައި ފާހަގަކުރަމުން ދަނިކޮށް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފައެވެ. ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ މިހާތަނަށް ކުރިމިނަލް ކޯޓުން އަމަލުން ކުރަމުން އައީ ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ހުކުމް ކުރިމިނަލް ކޯޓަށް ލިބިފައިނުވާކަމަށް ވެސް ގާޒީ ސޮފްވަތު ހަބީބު ވިދާޅުވިއެވެ. ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި ހުރި ކަންކަން ބަލަން ބޭނުންވާ ކަމަށް ވިދާޅުވެ، ޝަރީއަތް ވަނީ މެދުކަނޑާލައިފައެވެ.

އަލުން ޝަރީއަތް ފެށުމަށްފަހު ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ ހައި ކޯޓުގެ ހުކުމަށް ބަލާލުމުން އެގެނީ މަދަނީ މިންގަނޑުން މައްސަލައެއް ކުރިއަށް ގެންދެވޭނެކަން ކަނޑައެޅޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ. އަދި ހަމަ އެ ހުކުމުގެ ދެންހުރި ކަންކަން އެއްކޮށް ކިޔާލުމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަނާޅަނީސް މައްސަލަ ބައްލަވާ ގާޒީއަށް ފެނިޖެއްނަމަ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިޔުމަށް ހުރަހައެއް ނެތްކަމަށް ގާޒީ ސޮފްވަތު ހަބީބު ވިދާޅުވި އެވެ. އެހެންކަމުން ޑރ. މުއިއްޒުގެ މައްސަލަ އަލުން ބަލަން ޖެހޭ ހާލަތެއް އުފަންނުވާކަމަށް ގާޒީ ސޮފްވަތު ހަބީބު ވިދާޅުވިއެވެ.

ގަޒީ ސޮފްވަތު ހަބީބު ވަނީ އެކަމުގައި ދެ ފަރާތުން ދެކޭގޮތް ހާމަކުރަން އެދިފައެވެ. ދައުލަތުން ވަނީ ގާޒީ ބޭނުންވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިޔުމަށް އިއުތިރާޒު ނުކުރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިފާއުން އެދުނީ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިގެން ބެލުމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ސޮފްވަތު ހަބީބު ނިންމެވީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކުމަށެވެ.

ނަމަވެސް އެގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ދިފާއުން ވަނީ ދެކޮޅު ހަދައި މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ހުރި ކަންކަން ފާހަގަ ކުރައްވައި، މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް އެދިފައެވެ. އެގޮތަށް އެދުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތައް ހުށަނާޅަނީސް މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފިނަމަ. ދައުވާ ލިބޭ، ޑރ. މުއިއްޒުގެ ހައްގުތައް ގެއްލިގެންދާނެތީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ސޮފްވަތު ހަބީބު ނިންމެވީ މައްސަލަ މަނދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ނިންމެވިއެވެ.

ދިފާއުންނާއި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އޮތްތޯ ގާޒީ ވަނީ ސުވާލުކުރައްވައިފައެވެ. އެގޮތުން ދައުލަތުން ވިދާޅުވީ ހުށަހަޅާނެ ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ދިފާއުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އެބަހުރި ކަމަށް ބުނެފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހު 26 ވަނަ ދުވަހުއެވެ.