ޚަބަރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދިން އިނާދު ޕީޖީގެ އެދުމާއެކު ބަންދުން ދޫކޮށްލައިފި

އިބްރާހިމް ޒަކީ

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރުދިން މއ. ރެސްޓިންހައުސް، މުހައްމަދު އިނާދު ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ނިންމައިފިއެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް އިނާދު އިންޒާރު ދީފައި ވަނީ ޓުވިޓާ މެދުވެރިކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވެފައިވަނީ 30 ޖޫން 2021 ދުވަހު ޓުވިޓާގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި އިނާދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި ހަތަރު ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަންބަރާއި ހަތަރު ވަނަ ނަންބަރާއި ހަ ވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ.

މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކުރަންޖެހޭ ކަމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އިނާދު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ވުޖޫދުގައި އޮތްތޯ ބެލި ކަމަށެވެ.

އެގޮތުން އޭނާގެ ކުށުގެ ރެކޯޑާއި މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށް، އަދި އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން އިންޒާރުދީގެންކަމަށްވެފައި، އިންޒާރުދިނުން ފިޔަވައި އޭނާދިން އިންޒާރާއެއްގޮތަށް އަމަލުކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ވަސީލަތެއް އޭނާގެ އޮތްކަން ދޭހަވާފަދަ ސަބަބެއް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި ޝަރުތުކޮށްފައި އޭނާ ބަންދުން ދޫކުރުމަށް އެދިފައިވާތީ، ޝަރުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.