ޚަބަރު

މުވައްޒަފަކަށް ހަމަލާދީ ބިރު ދެއްކި ވާހަކަ ރަންނާޅި ރިސޯޓުން ދޮގު ކޮށްފި

އަދާރަން ކުލަބް ރަންނާޅީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކަށް ހަމަލާދީ ބިރުދެއްކި ކަމަށް ބުނާ ވާހަކަ އެ ރިސޯޓުން ދޮގު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެއްސަކަށް، ބިރު ދެއްކި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ރަންނާޅި ރިސޯޓުން "ވަން" އަށް މައުލޫމާތު ދެއްވަމުން އެ ރިސޯޓުގެ މެނޭޖަރު މުހައްމަދު އަހުމަދު ވިދާޅުވީ، އެ ރިސޯޓުގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެ މުވައްޒަފަކީ މީގެ ދެމަހެއްހާ ދުވަސް ކުރިން އެ ރިސޯޓު ވަޒީފާއަށް ދިޔަ މީހެއް ކަމަށެވެ.

މުހައްމަދު ވިދާޅުވީ އެ މުވައްޒަފު ދީފައިވަނީ މުޅިން ދޮގު މައުލޫމާތު ތަކެއް ކަމަށެވެ. އަދި މުސާރަވެސް އޭނާ އަށް ހަމަޔަށް ދީފައިވާ ކަމަށެވެ.

"މެނޭޖްމަންޓާ ހިސާބަށް އެ މައްސަލަ ނާދޭ. މުވައްޒަފާ ސުވާލު ކުރުމުން ބުނީ ދައްކާ ވާހަކަ ގަބޫލު ނުކުރާތީ ތިމަންނަގެ ސަލާމަތަށް ޓަކައޭ. އޭނާ މާލެވެސް ދިޔައީ އާއިލާ މީހަކު ބަލިވެގެންނޭ ކިޔާފަ ދޮގު ހަދައިގެން. އެހެންވީމަ ތިއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް." އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ އެއްވެސް މުވައްޒަފަކާމެދު އެފަދަ ގޮތަކަށް އަމަލު ކުރާނަމަ އެކަން ރިސޯޓުގެ ފަރާތުން ބަލާނެ ކަމަށެވެ. އެކަމަކު މި މައްސަލަ އެއްވެސް ބައެއްގެ ސަމާލު ކަމަށް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު އެ ރިސޯޓުގެ ގާނޫނީ ޓީމުން މި މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާ "ވަން" އަށް މައުލޫމާތު ދެމުން ބުނީ އޭނާ އަށް އަނިޔާކުރި ކަމުގެ ޝަކުވާ މެނޭޖްމަންޓާ ހިސާބަށް ގެންދިޔަޔަސް ނުބަލާނެ ކަމުގެ ޔަގީންކަން އެތަނުގައި އޭނާ އަށް ވުރެ ބޮޑަށް ތިބި ލަންކާ މީހުން ދީފައިވާ ކަމަށެވެ. އަދި އެޗްއާރް މެނޭޖަރާ އެކަން ހިއްސާ ނުކުރެވުނީ އެވަގުތު އޭނާ ޗުއްޓީގައި ހުރުމުން ކަމަށެވެ. އަދި އޭނާ ދައްކާ ވާހަކަ އިތުރު މީހަކު ގަބޫލު ނުކުރާތީ ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ ދޮގު ހަދައިގެން މާލެ އަންނަން މަޖުބޫރުވީ އިތުރު ނުރައްކަލެއް އައިސްދާނެތީ ބިރުން ކަމަށާއި އަދި އެއީ ފުލުހުންވެސް އިރުޝާދު ދިން ގޮތް ކަމަށެވެ. މިކަން ފުލުހުންނާ ހިއްސާކުރީ އޭނާގެ ދައްތަ ކަމަށާއި މިކަމުގައި އެއްވެސް އޮޅުވާލުމެއް ދޮގެއް ނޯންނާނެ ކަމަށެވެ.

"ނަފުސާނީ ގޮތުންވެސް ބިރުވެރި ކަމެއްގައެއްނު ހުންނާނީ އޭރު. ދެން އެހެންވެ ފުލުހުންވެސް ބުނީ އަމިއްލަ ރައްކަލަށް ޓަކައި ހެދޭނެ ގޮތަކީ އެއީ ކަމަށް. އެހެންވެ އާއިލާ މީހަކު ބަލިވެގެން ކަމަށްބުނެ އައީވެސް." އޭނާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ހަމަލާ ދިނީ މޫނު މައްޗަށް ކަމަށެެވެ. އޭގެ ފަހުން ވަޅި ހިފައިގެން ގަޔާ ދިމާލަށް އައި ކަމަށެވެ.

"ވަން"ގައި މި ހަބަރު ޖެހުމުން މެނޭޖްމަންޓުގެ ފަރާތުން ގުޅާފައި ކަންވީ ގޮތް އޮޅުން ފިލުވި ކަމަށާއި އަދި މެނޭޖްމަންޓާ ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރި ކަމަށެވެ. އަދި އެއީ މެނޭޖްމަންޓުން އޭނާ ދައްކާ ވާހަކަ ގަބޫލު ނުކޮށްފާނެތީ ކަމަށް ބުނި ކަމަށްވެސް ބުންޏެވެ. އެހެން ބުނުމާއެކު ތި ކަންތައްކުރީ ވަރަށް "ކަޑަކޮށް" ކަމަށް ބުނި ކަމަށްވެސް މުވައްޒަފު ބުންޏެވެ.