މިއަހަރުގެ ފިނިމޫސުމާ ދިމާކޮށް އޮސްޓްރިއާގެ ގައުމީ އެއާލައިން އޮސްޓްރިއަން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

އޮސްޓްރިއަން އެއާލައިންސް އިން ބުނީ، އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އެ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުން ކުރާނީ ދިގު ދަތުރުތަކުގައި ބޭނުންކުރާ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކެވެ. އެއީ 301 އާއި 368 ފަސިންޖަރުންގެ އިކޮނޮމީ ކުލާހުން ފެށިގެން ބިޒްނަސް ކުލާހާ ހަމައަށް ސީޓް ހުންނަ ފްލައިޓުތަކެކެވެ.

އޮސްޓްރިއަން އެއާލައިންސް އިން މިދިޔަ އަހަރުގެ ފިނިމޫސުމާ ދިމާކޮށްވެސް ރާއްޖެއަށް ދަތުރުތައް ބޭއްވިއެވެ. އެ ފަހަރު ބާއްވާފައި ވަނީ ހަފުތާއަކު ދެ ދަތުރެވެ.