ނޫސްވެރީންގެ މަސްދަރު އެއްވެސް ހާލަތެއްގައި ހާމަކުރާން މަޖުބޫރު ކުރެވޭ ގޮތަށް ގާނޫނެއް ނުވަތަ ގަވައިދެއް ހެދުމަކީ އެކަމުގެ ސަބަބުން ނޫސްވެރިކަން ހަލާކުވެގެން ދާނެ ކަމެއް ކަމަށާއި އެ ފަދަ ކަމަކަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީއޭގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މިދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭނެ ހާލަތްތަކެއް ވަނީ ހިމަނައިފަ އެވެ.
މިބިލުގެ 136 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް، މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ. ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިޔަކު ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.
މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ." ކަމަށެވެ.
"ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސިޔާމް އިއްޔެ ވިދާޅުވީ މުޅި ނޫސްވެރިކަމުގެ އިތުބާރާއި ޔަގީންކަން އަދި ކުރިމަގު އެ ކަމެއްގެ މައްޗަށް ބަރޯސާވެ ހިފަހައްޓައިދޭ އެންމެ މުހިއްމު އެއްޗަކީ މަސްދަރު ކަމަށެވެ. ގައުމު ހަމަ މަގަށް އަޅުވައި ޒިންމާދާރުކުރުވަން ބޭނުންވާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ނޫސްވެރީންނަށް އެހީތެރިވެދީ އިތުބާރު ހިފޭ މައުލޫމާތު ނޫސްވެރީންނަށް ލިބެނީ، އެމީހުންގެ މަސްދަރު ފުރިހަމަ ގޮތުގައި މިހާރު ހިމާޔަތް ވެފައި އޮންނާތީ ކަމަށް ސިޔާމް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އެ ހިމާޔަތް ނެތިގެން ހިނގައްޖެ ނަމަ މައުލޫމާތު ލިބުމަށް ބޮޑު ހުރަހެއް ކުރިމަތިވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން ބަލާއިރުވެސް މިހާރު ކަންކަން މި ހުންނަ ގޮތުން ސީދާ ކުރިމައްޗަށް އަރައި އަމިއްލަ އައިޑެންޓިޓީ އެނގޭ ގޮތަށް މައުލޫމާތު ދިނުމަކީ ފަސޭހަ ކަމެއް ނޫން. އެހެން ކަންތައް ކޮށްފި ނަމަ ވަރަށް ގިނަ ގޮތްގޮތުން އެމީހަކަށް ޕްރެޝަރު އެބަ އާދޭ . އެކަމަކު އެ މައުލޫމާތަކީ ކަންކަން އިސްލާހު ކުރުމަށް ނޫސްވެރިޔާއަށް ކޮންމެހެންވެސް ލިބެން ޖެހޭ މުހިންމު މައުލޫމާތެއް. އެހެންވީމަ އަޅުގަނޑުގަބޫލުކުރަނީ ނޫސްވެރީންނަށް މައުލޫމާތު ދޭ މަސްދަރު ފުރިހަމަ ގޮތުގައި ޕްރޮޓެކްޓް ކޮށްދޭން ޖެހޭނެ ކަމަށް." ސިޔާމް ވިދާޅުވި އެވެ.
ނޫސްވެރީންގެ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަން އިން ވެސް ވަނީ ގޮވާލައިފަ އެވެ.
އެޓާނީ ޖެނެރަލް، އިބްރާހީމް ރިފްއަތު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި، މި ކަންބޮޑުވުންތަކަށް ކޮމެޓީ މަރުހަލާގައި ރިއާޔަތް ކުރައްވާނެ އެވެ.
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު