ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، ސްރީ ލަންކާއަށް ދެ ލައްކަ ޑޮލަރު ހަދިޔާކުރެއްވުމަށް ނިންމަވައިފިއެވެ.
ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ސިޔާމް ވަނީ މިއަދު ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ ބައްދަލުކުރައްވައި ދެ ލައްކަ ޑޮލަރުގެ ތެރެއިން ބައެއް ހަދިޔާކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި ސިޔާމް ހަދިޔާކުރެއްވީ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރެވެ. އެ ބައްދަލުވުމުގައި ސިޔާމް ވަނީ ދެ ލައްކަ ޑޮލަރު ދެއްވާނެކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ސިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، "ދިތުވާ"ގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން ސަން ސިޔާމް ގްރޫޕް އަދި އަމިއްލަ ނަމުގައިވެސް ހަމްދަރުދީ ފާޅުކުރައްވާ ކަމަށެވެ. އަދި ލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގެ މަސައްކަތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.
"މިއަދު، އިންސާނީ އެހީގެ ގޮތުގައި އެންމެ އަވަހަށް ބޭނުންވާ ކަންކަމަށް 200,000 އެމެރިކާ ޑޮލަރު ދޭނެކަމުގެ ޔަގީންކަން ވާނީ އަރުވާފައި. އަދި ތޫފާނުގެ އަސަރުކުރި ކޮމިއުނިޓީތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަން ސިޔަމް ގްރޫޕްގެ ތެރޭގައި ފަންޑް ރައިޒިން ޕްރޮގްރާމެއްވެސް ފަށާނަން،" އޭނާ ވިދާޅުވިއެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން، ފައިސާގެ އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު އަދި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ދިވެހި ސަރުކާރުން ވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިއަދު "ސިލޯނާއެކު ދިވެހިން" ޓެލެތޯނެއް ވެސް ކުރިއަށްގެންދެއެވެ. އެ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 2.3 މިލިއަން ރުފިޔާ އާއި 38،300 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
ސަން ސިޔާމް
ސަން ސިޔާމް
ސަން ސިޔާމް